English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެކި ކަންކޮޅުތަކުން އިއްޔެ 6،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ވެކްސިން ޖަހައިފައެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އިއްޔެ 6,171 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަމާލެ ސަރަޙައްދުން ވެކްސިން ޖެހި 4,310 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 1،861 މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 56،218 އަށް އަރައިފައެވެ. އެއީ ފުރަމާލެ ސަރަޙައްދުން 43،838 މީހުންނާއި އަތޮޅުތެރެއިން 12،380 މީހުންނެވެ.

ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ މާލެ ސަރަޙައްދުން ނަމަވެސް، ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހުރިހާ ހޮސްޕިޓަލެއްގައިވެސް ވަނީ ވެކްސިން ދޭން ފަށައިފައެވެ.

ރާއްޖެއިން މިހާތަނަށް 18,224 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 15,768 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 171 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ބަލީގައި ރާއްޖެއިން 58 މީހަކު ވަނީ ނިޔާވެފައެވެ.