މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލްގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އަތުން ބަލިވެ، 21 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާ ސްޕެއިނުގެ ރަފައެލް ނަޑާލްގެ އުއްމީދުތައް ނިމުމަކަށް އައިސްފިއެވެ.
މިއާއެކު، މިހާތަނަށްއައިއިރު 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްގެން ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ހަދާފައިވާ ރެކޯޑް މުގުރާލުމަށް އަމާޒުހިފާފައިވާ އުމުރުން 34 އަހަރުގެ ނަޑާލް އަށް މިވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފައެވެ.
މީގެއިތުރުން، 2017 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ތިންވަނަ އަށް ސީޑްކުރެވިފައިވާ މިލޯސް ރައޮނިޗް ބަލިކުރިފަހުން ނަޑާލް އަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިއެއް އަތުން އެ މުބާރާތުގައި މޮޅެއް ހޯދިފައެއްނުވެއެވެ.
މިފަހަރުގެ މުބާރާތުގައި އެއްވެސް ސެޓެއް ގެއްލުވާނުލައި ކުއާޓާ ފައިނަލަށް ދަތުރުކުރި ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި މިވަގުތު އޮތް ނަޑާލް އަތުން ފަސްވަނަ އަށް ސީޑްކުރެވިފައިވާ ސިޓްސިޕާސް މޮޅުވީ ހަތަރު ގަޑިއިރުގެ ތެރޭގައި ފަސް ސެޓްކުޅެގެން، ފަހު ތިން ސެޓް ގެންގޮސްގެންނެވެ.
ރޮޑް ލޭވާ އެރީނާގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ދެ ސެޓް 6-3 އަދި 6-2 އިން ނަޑާލް ގެންގޮސްފައިވަނިކޮށް އުމުރުން 22 އަހަރުގެ ސިޓްސިޕާސް ފަހު ތިން ސެޓް ގެންދިޔައީ 7-6، 6-4 އަދި 7-5 އިންނެވެ. މިއާއެކު ސިޓްސިޕާސް ވެފައިވަނީ ފެޑެރާ އާއި ފަބިއޯ ފޮގްނީނީ އަށް ފަހު ނަޑާލްގެ މައްޗަށް ފަހަތުންއަރައި މޮޅެއް ހޯދި ތިންވަނަ ކުޅުންތެރިޔާ އަށެވެ. 2005 ވަނަ އަހަރުގެ މިއާމީ އޯޕަންގައި ނަޑާލްގެ މައްޗަށް ފެޑެރާ ކުރިހޯދިއިރު، ފޮގްނީނީ ވަނީ 2015 ވަނަ އަހަރުގެ ޔޫއެސް އޯޕަންގައި ނަޑާލް ބަލިކޮށްފައެވެ.
ސިޓްސިޕާސްއާ ދެކޮޅަށް ސެމީގައި ނިކުންނަ މި މުބާރާތުގައި ހަތަރުވަނަ އަށް ސީޑްކުރެވިފައިވާ ރަޝިޔާގެ ޑެނީލް މެޑްވެޑޭވް ވަނީ ކުއާޓާ ފައިނަލްގައި އެ ގައުމަށް ނިސްބަތްވާ އަންދްރޭ ރުބްލޭވްގެ މައްޗަށް 7-5، 6-3 އަދި 6-2 އިން ކުރިހޯދާފައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި މެޑްވެޑޭވް އެންމެ ފަހުން ކުޅުނު 19 މެޗުންވެސް ބަލިވެފައެއްނުވެއެވެ.
މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރަޝިޔާގެ އަސްލާން ކަރަޓްސޭވްއާ ދެކޮޅަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ނިކުންނައިރު، އަންނަ ހުކުރު ދުވަހު ކުޅޭވޭ ސެމީގެ ދެވަނަ މެޗުގައި ސިޓްސިޕާސް ނިކުންނާނީ މެޑްވެޑޭވްއާ ދެކޮޅަށެވެ.
What. A. Battle 💯
We know you'll be back @RafaelNadal 👏#AO2021 | #AusOpenl pic.twitter.com/LU2BmBFLa6
— #AusOpen (@AustralianOpen) February 17, 2021