އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ ލެސްޓާ ސިޓީން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
މިއީ ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ. މީގެއިތުރުން، ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، މޮޅުވީ އެންމެ ދެ މެޗުންނެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ލެސްޓާ އަށް ދެވަނަ ލިބުނީ 24 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީ އަށް 22 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 23 މެޗުން 45 ޕޮއިންޓެވެ. ލިވަޕޫލް އޮތީ 40 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވާއިރު، އެ ޓީމުގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ ފޮނުވާލި ދެ ބޯޅައެއް ލެސްޓާގެ ކީޕަރު ކެސްޕާ ޝުމައިކަލް ވަނީ މަތަކޮށްފައެވެ. މި ހާފުގައި ލެސްޓާ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޖެމީ ވާޑީ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.
ލިވަޕޫލުން ލީޑްނެގީ މެޗުގެ 67 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ކާމިޔާބުކުރި ގޯލުންނެވެ. މިއީ ފިރްމީނޯ ދިން ރީތި ޕާހަކުން ސަލާހު ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ޖެހި 17 ވަނަ ލަނޑެވެ. އޭގެފަހުން، މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ލެސްޓާ އަށް ލިބުނު ހިލޭޖެހުމަކުން އެއްވަރުކޮށްދިނީ ޖޭމްސް މެޑިސަން އެވެ. ރެފްރީ މި ގޯލް ގަބޫލުކުރަން ނިންމީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހުގައެވެ.
އޭގެ ތިން މިނެޓުފަހުން، މި މެޗުގައި ލެސްޓާ އިން ފުރަތަމަ ފަހަރަށް ލީޑްނެގީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވާޑީ ކާމިޔާބުކުރީ ގޯލުންނެވެ. އަދި އެ ޓީމުން އެއްވަރުކުރި ލަނޑުޖެހިތާ 8 މިނެޓުގެ ތެރޭގައި، މެޗުގެ 85 ވަނަ މިނެޓުގައި އުފެއްދި އަވަސް އެޓޭކެއްގައި ވިލްފްރެޑް އެންޑީޑީ ދިން ޕާހަކުން ހާވޭ ބާންސް ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ.
ލީގުގައި ލިވަޕޫލަށް ދެން އޮތީ މާސޭސައިޑް ޑާބީގައި ވާދަވެރި އެވަޓަންއާ ދެކޮޅަށް މި މަހުގެ 20 ވަނަ ދުވަހު އެންފީލްޑްގައި ކުޅޭ މެޗެވެ. އެ މެޗުގެ ކުރީން ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެ ޓީމު ނިކުންނާނީ ޖަރުމަނުގެ އާރްބީ ލީޕްޒިގާ ދެކޮޅަށެވެ.