English Edition
Dhivehi Edition

ގދ. ތިނަދޫގައި ދިރިއުޅޭ 80 އަހަރުން މަތީގެ އަދި ދާނުގައިވާ ބަލިމީހުންނަށް މާދަމާ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާނެ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ވެކްސިން ޖަހަން ބޭނުންފުޅުވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާ އެ ހޮސްޕިޓަލުން މީސްމީޑިއާގައި ޢާއްމުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ފެބްރުއަރީ 12, 13 އަދި 14 ވަނަ ދުވަހު ކަނޑައެޅޭ ވަކި އަދަދަކަށް, ގދ. ތިނަދޫގައި ދިރިއުޅޭ 80 އަހަރުން މަތީގެ އަދި ދާނުގައިވާ ބަލިމީހުންނަށް ވެކްސިން ޖެހުން ކުރިއަށްދާނެއެވެ.

ދާނުގައިވާ ބަލިމީހުން ނަން ނޯޓު ކުރުމުން އެ ފަރާތްތަކަށް ވެކްސިން ޖެހުމުގެ އިންތިޒާމު ހޮސްޕިޓަލުން ހަމަޖައްސާނެ ކަމަށާއި މި ތިން ދުވަހުގެ 14:00 އިން 18:00 އަށް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް ހޮސްޕިޓަލުގެ ނަންބަރު 6841976 އަދި 6841901 ފޯނަށް ގުޅުމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި 03 ފެބްރުއަރީގައި ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް އިސްކަން ދީގެން، ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އެގޮތުން ޖުމްލަ 165 ފަރާތަކަށް ވެކްސިން ދިނުމަށްފަހު ތިނަދޫ އިން ކޮވިޑް-19ގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގ އަށް ލުމާއެކު ވެކްސިން ޕްރޮގްރާމް ވަނީ މެދު ކަނޑާފައެވެ.

މިއަދު ވެކްސިން ދިނުން އަލުން ފަށާފައިވާއިރު މީގެފަހުން ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ އިމާރާތުގައި ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.