ފުވައްމުލައް ސިޓީގައި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ނެގި ރޭންޑަމް ސާމްޕަލްތަކުން ފައްސިވި މީހުންނާއި ގުޅުންހުރި މީހުން ފުވައްމުލަކުގެ 3 ސްކޫލަކުން ފާހަގަކުރެވިފައިވާކަމަށް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އެ ސެންޓަރުން ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ހާލަތު މިވަގުތު އޮތްގޮތުގެ މައުލޫމާތު ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވިގޮތުގައި ފައްސިވެފައިވާ މީހުންނާއި ގުޅުންހުރި، ނުވަތަ ޑައިރެކްޓް ކޮންޓެކްޓްސް އެ ރަށުގެ 3 ސްކޫލަކުން ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި 2 ޕްރީސްކޫލް ވެސް ހިމެނެއެވެ.
ފުވައްމުލަކުގެ މުޖުތަމައު އިން ބަލި ފެނުމާއި ގުޅިގެން އެ ރަށުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްގެއިން އަނެއް ގެއަސް ޒިޔާރަތް ނުކުރުމާއި ގެއިން ބޭރަށް ނުނިކުތުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިރުޝާދު ދީފައިވާއިރު އަދި ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ހުރިހާ އޮފީސް ތަކެއް ބަންދުކުރެވި ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް އޮންލައިން ކޮށް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުުރުން ސްކޫލްތަކާއި ކޮލެޖުތަކާއި، ޓިއުޝަން ކުލާސްތަކާއި އަދި އެހެނިހެންގޮތް ގޮތުން ހިންގާ ހުރިހާ ކުލާސްރޫމްތަކެއް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމަށްވެސް އެ ރަށުގައި ވަނީ ފައްޓާފައެވެ.
މީގެ އިތުުރުން ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރެވި ޓޭކް އަވޭ އަދި ޑެލިވަރީ ހިދުމަތަށް ވަނީ ބަދަލުކުރެވިފައެވެ. އަދި ފުވައްމުލައް ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތަކާއި އިތުރު ހިދުމަތްތައް ވަނީ މިވަގުތަށް މަޑު ޖައްސާލާފައެވެ.
ފުވައްމުލަކުގައި މިވަގުތު13 މީހަކު މިބައްޔަށް ފައްސިވެފައިވާއިރު މި އެންމެންނަކީ ވެސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓާ އަލާމާތްތައް ފެނިގެން ހެއްދުނު ޓެސްޓުގެ ނަތީޖާއިން ފައްސިވި މީހާއާއި ގުޅުން ހުރި މީހުންނެވެ. މީގެ ކުރިން އެމީހާގެ އެއްވެސް ޑައިރެކްޓް ކޮންޓެކްޓެއް ނުވާކަމަށް ފުވަައްމުލައް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި މަހުގެ 7 ވަނަ ދުވަހު ފުވައްމުލަކުގައި ނެގުނު ރޭންޑަމް ސާމްޕަލްތަކުން ފައްސިވި މީހުންނަކީ އެމީހާއާއި ގުޅުންހުރި މީހުންކަމަށް ފުވައްމުލައް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.