English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައްތާފުޅު އައިޝަތު މުހައްމަދު ސޯލިހަށް ހިޔާ ފްލެޓުން، ފްލެޓެއް ލިބިވަޑައިގެންނެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އާންމުކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފައިނަލް ލިސްޓުގައިވާގޮތުން އައިޝަތު މުހައްމަދު ސޯލިހަށް ފްލެޓު ލިބިވަޑައިގެންނެވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓެގަރީން މުޅި އެކު 90 ޕޮއިންޓު އައިޝަތު މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވެ.

ރައީސް ސޯލިހްގެ ދައްތާފުޅަށް ފްލެޓް ލިބިވަޑައިގަންނަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ސަރުކާރާއި ރައީސް ސޯލިހް އަށް ފާޑުކިޔާ ފަރާތްތަކުންވަނީ ‘ރައީސް ސޯލިހުގެ ދައްތާފުޅަށްވެސް ކޮތަރުކޮއްޓެއް’ ލިބިވަޑައިގަންނަވައިފިކަމަށާއި މިއީ ބޭއިންސާފުން ހިންގާފައިވާ ‘ޖަރީމާ’ އެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފްލެޓްތަކުގެ ޖާގަ ކުޑަކަމަށް ވިދާޅުވެ ރައީސް ސޯލިހް ހިމެނޭހެން ސަރުކާރުގެ އިސް ބޭފުޅުން މި ފްލެޓްތަކުގެ ސްޓްރަކްޗާއަށް މީގެ ކުރިން ކޮތަރު ކޮއްޓޭ، ނުވަތަ ކުލަފޮއްޓޭ ވިދާޅުވެ މިސާލު ޖައްސަވާފައިވަނިކޮށް ދާއިމީ ލިސްޓު އިޢުލާން ކުރިއިރު ސަރުކާރުގެ އިސް ފަރާތްތަކުގެ ނަން ހިމެނޭތީ އެއީވެސް ގިނަ ބަޔަކު ފާޑުކިޔަމުންދާ ކަމެކެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިޔާ ފުލެޓުތައް ދިނީ ޙައްޤުވެރިންނަށް ނޫންކަމަށް ބުނެ މިސަރުކާރުން ލިސްޓު މުރާޖަޢާކުރަން ޚާއްޞަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެ ކޮމިޓީން ފުލެޓު ލިސްޓު ޢާންމުކުރިއިރު ވަގުތީ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް އޮތް ވަރަށް ގިނަ ނިކަމެތިންނަށް މިފަހަރު ލިބިފައިނުވާކަން ޢާއްމުން ފާހަގަ ކުރެއެވެ. އެހެންނަމަވެސް ފްލެޓްތައް މިހާރު ދޫކޮށްފައިވަނީ ފްލެޓްގެ ޙައްގުވެރިން ދެނެގަތުމަށް ކުރެވުނު ވަރަށް ގިނަ ދިރާސާ ތަކަކަށް ފަހުގައި ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 6،720 ފްލެޓަށް 23،000 އަށް ވުރެން ގިނަ މީހުން ކުރިމަތިލީއިރު އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 8 ކެޓަގަރީގެ ދާއިމީ ލިސްޓު ރޭ ވަނީ ގެޒެޓްގައި އާންމުކޮށްފަ އެވެ.
އެ 8 ކެޓަގަރީ އަކީ؛
H8 – މާލޭ ރައްވެހިންނަށް ހާއްސަ
H9 – މާލޭ ދަފްތަރުގެ މީހުންނަށް ހާއްސަ
H7 – އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ
H10 – ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ
H6 – އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ
H5 – ޓީޗަރުންނަށް ހާއްސަ
H4 – ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ
ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ. އެތަންތަނުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހުންނައިރު ކޮންމެ އިމާރާތެއްގެވެސް އެންމެ ތިރި ކޮމާޝަލް ބޭނުމަށް ހާއްސަ ކުރުމުން މީހުން ދިރިއުޅުމަށް ދޫކުރާނީ 6،720 ފްލެޓެވެ.

ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށި އެންމެ ފުރަތަމަ އެެއް މަޝްރޫއެވެ. މި މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ހިޔާ ފްލެޓުތަކުން ނަގާނެ ސީދާ ކުލި އަދި އާންމު ނުކުރި ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފްލެޓުތަކުގެ ކުލި 7،000 އަށްވުރެ ބޮޑު ނުކުރާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓެވެ. ސަރުކާރުން ބުނެފައިވަނީ ފްލެޓު ލިބޭ ފަރާތްތަކަށް މާޗު މަހުގެ ތެރޭ ތަން ހަވާލުކުރާނެ ކަމަށެވެ.