English Edition
Dhivehi Edition
ފޮޓޯ: ހުޅުމާލެ ރަށު މާރުކޭޓް

ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ވިދާޅުވާގޮތުގައި ރަށު މާރުކޭޓުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 8 ގޮޅި ކަމަށާއި މިގޮޅިތަކަށް އެދި މާރޗްމަހުގެ 7 ވަނަ ދުވަހުގެ ކުރިން އެދިލައްވަން ޖެހޭނެކަމަށެވެ.

ވިޔަފާރީގެ ބާވަތްތަކަށް ދޫކުރަން ހަމަޖެހިފައިވާ މިގޮޅިތަކުގައި އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމުގެ ބާވައްތަކާއި އަދި މަސްވެރިކަމަށް ބޭނުންކުރާ ތަކެތި އަދި މަސްވެރިކަމާއި ގުޅުންހުރި ތަކެތި ވިއްކުމަށް ކޮންމެ ބާވަތަކަށް ދެ ގޮޅި ދޫކުރާނެ ކަމަށެވެ. މީގެ އިތުރުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ކާންދޭ ތަކެއްޗާ ގުޅުން ހުރި ތަކެތި ވިއްކާ ވިޔާފާރިތަކާއި، ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ބާވައްތައް ވިއްކާ ވިޔަފާރިތަކުގެ އިތުރުން ޖޫސްޖޮއިންޓް ހިންގުން އަދި ކިއޮސްކް ހިންގުމަށް ހުއްދަ ދެވިގެންދާނެއެވެ.

މިއިން ކޮންމެ ގޮޅިއެއްގެ ބޮޑު މިނަކީ 69.45 އަކަފޫޓު ކަމަށް އެކުފުނިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ގޮޅި ކުއްޔަށް ހިފުމަށް ހޮވޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 10500 ރުފިޔާ ދައްކަން ޖެހޭނެކަމަށެވެ. 3 އަހަރުގެ މުއްދަތަކަށް މިގޮޅިތައް ދޫކުރާއިރު، ކޮންމެ ގޮޅިއެއް ދޫކުރުމަށް ހަމަޖެހިފައިވަނީ 3500 ރުފިޔާއަށެވެ.
މިގޮޅިތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް ބަލައިގަތުން މާރިޗު 7 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުރަވީ ސްކޫލުގައި އޮންނާނެއެވެ.