ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްފައިވާ ކަމަށް އެޗްޑީސީން މިއަދު ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ “ހަފުތާ 14″ގެ މަގުޗާޓުގައިވާ ގޮތަށް ހުޅުމާލެ 1 ގެ ހައުސިން ޔުނިޓްތަކަށް ކުލީގެ އަދަދުން ކޮންމެ މަހަކު ވެސް 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ޑިސްކައުންޓް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބިގެންދާއިރު، މެއިންޓަނެންސް ނުވަތަ މެނޭޖްމެންޓް ފީ ނުހިމަނާ ދައްކަން ޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދުން، %20 އުުނިވާގޮތަށް ކުރިއަށް އޮތްތަނުގައި ހިނގައި ކޮންމެ މަހަކަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މިގޮތަށް ނިންމުމުން، ފްލެޓްތަކުގެ ކުލިން މިހާތަނަށް ނުދައްކާ ހުރި ބައި ދައްކާއިރު 20 ޕަސެންޓުގެ އުނިވުމެއް ނާންނާނެ އެވެ.
ހުޅުމާލެ 1ގެ ފްލެޓުތަކުގެ ކުލިން 20 ޕަސެންޓް ކުޑަކުރުމަށް ނިންމާފައިވާ ކަން ރައީސް އިއުލާންކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުގަ އެވެ. ކުލިން ކަނޑާ 20 ޕަސެންޓް ސަރުކާރުން އަމިއްލައަށް މެނޭޖުކުރާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.
ހުޅުމާލޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ޑރ. މުއިއްޒު ވަނީ ފްލެޓްތަކުގެ ކުލިން %20ގެ ޑިސްކައުންޓެއް ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލިބިގެން ދާނެ ކަން އިއުލާނު ކުރައްވާފައެވެ.
އަދި އެމަނިކުފާނުގެ ހަފްތާ14ގެ މަގު ޗާޓުގައިވެސް މިކަން ހިމެނިފައި ވެއެވެ.