ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މީހަކު ރޭ ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ނިޔާވީ ރ. މަޑުއްވަރީ ވިންޑްމާގޭ އަޙްމަދު އިޖާޒު (44 އަހަރު)ކަމަށެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ އަޙްމަދު އިޖާޒު 8 މާޗު 2024 ގައި ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އީއާރްގައި އެޑްމިޓްކުރިކަމަށެވެ. އަދި އަޙްމަދު އިޖާޒުއަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި، ބަލީގެ ޙާލަތު ދެރަކަމުން އޭނާ ވަނީ 9 މާރިޗު 2024 ގައި އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފަށާފައެވެ. އަދި ޙާލަތު ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލާފައިވާއިރު އައިސީޔޫއިން އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ ރޭ 23:30 ހާއިރު ކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.
އަޙްމަދު އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރު ދުވަހުގެ ޙުކުމެއް ތަންފީޒުކުރަމަށް 7 މާރިޗު 2024 ގައި ހުޅުމާލޭ ޖަލަށް ގެނެވުނު މީހެކެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ އޭނާ ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އާއިލާއަށާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.