“ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރސް،” (އެމް.އޭ.އޭ.ސީ) އާއި، އެ މުޢާހަދާއާ ގުޅޭ އިތުރު ދެ މުޢާހަދާއެއް ކަމުގައިވާ “މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓްސް އިންފޮމޭޝަން” (އެމް.ސީ.އޭ.އޭ-ސީ.އާރް.އެސް) އަދި “މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އެކްސްޗޭންޖް އޮފް ކަންޓްރީ ބައި ކަންޓްރީ ރިޕޯޓްސް” (އެމް.ސީ.އޭ.އޭ-ސީ.ބީ.ސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި މިވަނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން އިއްޔެ ވަރޗުއަލްކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުއެވެ.
އެމް.އޭ.އޭ.ސީ.އަކީ ޓެކްސް ދެއްކުމަށް މަކަރުހަދާ، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަތުމަށާއި، މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށާއި، ޓެކުހާގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލާފައިވާ މުޢާހަދާއެކެވެ. އަދި، މި މުޢާހަދާގައި އެއްބަސްވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، އެމް.ސީ.އޭ.އޭ.ތަކުގައި ބައިވެރިވާ ޤައުމުތަކުން ސޮއިކުރަންޖެހެއެވެ.
މި މުޢާހަދާގައި ބައިވެރިވުމުގެ ބޭނުންތަކުގެ ތެރޭގައި، ގްލޯބަލް ފޯރަމް މެންބަރެއްގެ ގޮތުން އެކްސްޗޭންޖް އޮފް އިންފޮމޭޝަން ނިޒާމެއް ޤާއިމުކުރުމާއި، އިންކްލޫސިވް ފްރޭމްވަރކް އޮން ބޭސް އިރޯޝަން އެންޑް ޕްރޮފިޓް ޝިފްޓިންގ (ބެޕްސް) ގެ ދަށުން ޓެކްސް ޓްރާންސްޕޭރަންސީއާ ގުޅުންހުރި އެކްޝަންތައް ތަންފީޒުކުރުމާއި، ޔޫރަޕިއަން ޔޫނިއަން ލިސްޓް އޮފް ނޮން-ކޯޕަރޭޓިވް ޖުރިސްޑިކްޝަންސް ފޮރ ޓެކްސް ޕަރޕަސަސްގައި ދިވެހިރާއްޖެ ނުހިމެނުމަށް ވެފައިވާ ކޮމިޓްމަންޓްތައް ފުރިހަމަކުރުން ހިމެނެއެވެ. އެ ލިސްޓަކީ، ޓެކުހަށް މަކަރުހެދުމާއި، ޓެކްސް ދެއްކުމުން އެއްކިބާވުމާއި، މަނީ ލޯންޑަރިންގ ފަދަ ކުށްތައް ދެނެގަތުމަށް އެކުލަވައިލާފައިވާ ޓޫލްއެކެވެ.