English Edition
Dhivehi Edition

މި އަހަރުގެ މުލަރޯދަ ދުވަހަކީ އަންނަ ހޮނިހިރުދުވަސް ކަމުގައި ސަރުކާރުން ރޭ ކަނޑައަޅައިފި އެވެ. ރޭ އިސްލާމީ މަރުކަޒުގައި ފަލަކީ ކޮމެޓީން ބޭއްވި ހަނދު ސާބިތު ކުރުމުގެ ހާއްސަ ޖަލްސާއަށް ފަހު ނެރުނު ގަރާރުގައި ބުނެފައި ވަނީ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމަށެވެ. ކޮމެޓީން މިގޮތަށް ކަނޑައެޅީ އިސްލާމީ އެއްވެސް ގައުމަކަށް ރޭ އިރުއޮއްސުމަށް ފަހު ހަނދު ފެނިފައ ނުވާތީ އެވެ. “މާދަމާ، މީލާދީ ސަނަތުން، 2017 ވަނަ އަހަރުގެ މި ހިނގާ މޭ މަހުގެ 26 ވާ ހުކުރު ދުވަހަކީ، މި އަހަރުގެ ޝައުބާންމަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، 1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ، މި ހިނގާ މޭ މަހުގެ 27 ވާ ހޮނިހިރުދުވަސް ކަމުގައި ކަނޑައަޅައިފީމެވެ،” މި އަހަރުގެ ރޯދަމަހުގެ ހަނދާ ބެހޭ ގޮތުން އިސްލާމިކް އެފެއާޒް މިނިސްޓަރު އަހުމަދު ޒިޔާދު ނެރުއްވި ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި އިސްލާމިކް މިނިސްޓަރު ވަނީ ރޯދަމަހުގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމަށާއި އެ މާތް މައްސަރުގައި ﷲގެ ރުއްސެވުމާއި މަޣުފިރަތް އެދި ހެޔޮކަންތައްތައް ގިނަ ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި އިސްލާމީ ހުރިހާ ގައުމަކަށް ވެސް އިއްޔެގެ އިރު އޮއްސުމުގެ ކުރިން ވަނީ ހަނދު އޮއްސިފަ އެވެ. އެހެންވުމުން އިރުއޮއްސުމަށް ފަހު ހަނދު ފެނުމުގެ ފުރުސަތެއް ނޯންނާނެ އެވެ.