English Edition
Dhivehi Edition
2019 ވަނަ އަހަރު އެވޯޑް ހާސިލްކުރި ފަރާތަކަށް ރައީސް ސޯލިހް ޝީލްޑް ހަވާލުކުރައްވަނީ - ފޮޓޯ: ޓްވިޓާ

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދޭ “ރެހެންދި އެވޯޑު” އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖެންޑަރ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 28 ފެބުރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ މަޤްޞަދުގައި ޖެންޑަރ މިނިސްޓްރީން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ.

އެ އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ޖެންޑަރ މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

ޖެންޑަރ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓު www.gender.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެއެވެ.

އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00އިން މެންދުރުފަހު 14:00އަށް، ޖެންޑަރ މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ، މަޖީދީމަގު) އިން އަދި އެ މިނިސްޓްރީގެ އީމެއިލް [email protected] އިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.