English Edition
Dhivehi Edition
ރެހެންދި އެވޯޑު ހަފްލާގައި އެވޯޑު ލިބުނު ފަރާތްތަކުގެ ނަމުގައި ރަޝީދާ ވާހަކަ ދައްކަނީ
ކުޑަ އިރުއްސުރެން ފެށިގެން އާއިލާގެ ތެރެއިން އިޖުތިމާއީ މަސައްކަތް ކުރުމުގެ ނަމޫނާ ފެންނަމުން ގޮސް އެކަމަށް ޝައުގުވެރިވެ ޙަޔާތުގެ ގިނަ ދުވަސްތަކެއް އިޖުތިމާއީ މަސައްކަތްތަކުގައި ހުސްކުރަމުން އަންނަ ސ. މީދޫ ރިޔާ ރަޝީދާ އިބްރާހީމް (ރައްޓާ) ގެ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތް ތަކެކެވެ.
މިއަހަރުގެ ރެހެންދިއެވޯޑު ދިނުމުގެ ހަފްލާގައި އިޖްތިމާއީ ދާއިރާން ރަޝީދާއަށް އެވޯޑު ލިބިފައިވާއިރު ޖަލްސާގައި އެވޯޑު ލިބުނު ބޭފުޅުންގެ ފަރާތުން ވާހަކަ ދައްކަވަމުން ރަޝީދާ ވަނީ ސަރުކާރުން އެފަދަ ގޮތަކަށް އަންހެނުންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވަވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިހާހިސާބަށް ކާމިޔާބީއަށް ވާސިލް ވުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކުގެ ނަން ހަނދާންކޮށް އެފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ.
އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި އަންހެނުންނަށް ހައްގު މަގާމު ހޯދުމަށް 15 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ކެނޑިނޭޅި މަސައްކަތް ކޮށްފައިވާ ރަޝީދާއަކީ މީދޫ ގައި އެންމެ ފުރަތަމަ އުފެދުނު އަންހެނުންނަށް ޚާއްޞަ ޖަމިއްޔާ ކަމަށްވާ މީދޫ އެކުވެރިންގެ ޗޭނުގެ ނައިބު ރައީސާ އެވެ.
ފިރިހެނުންނާއި އެއްހަމައެއްގައި ފައިހަމަކުރުމަށް އަންހެން ޓީމެއް ގޮވައިގެން ނިކުތުން ވެގެންދިޔައީ ގިނަ ގޮތްގޮތުން ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު އަދި ތަފާތު އެކިކަހަލަ މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާން ޖެހުނު ކަމަކަށެވެ. އެހެނަސް ރަޝީދާގެ ހިތްވަރު ގަދައެވެ. އެފަދަ ގޮންޖެހުންތަކާއި އޭނާ ކުރިމަތިލީ ފިސާރި ކެރިގެންނެވެ. ނަތީޖާ އަކަށް އިޖުތިމާއީ ކަންކަމުގައި ނިކުމެ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާނެ އަންހެނުން ގިނަވުމެވެ.
ޗޭނު ޖަމިއްޔާ އާއި އެކު މީދޫގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ރަޝީދާ ބުނެފައިވަނީ މިހާތަނަށް ކުރެވުނު އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މީދޫ އޮޓޯޕޮޓްެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުން ކަމަށެވެ. އިންޓަނޭޝަނަލް ފަންޑަކާއެކު މީދޫގައި ޗޭނު ޖަމިއްޔާއިން އަލަށް ތައާރަފް ކުރި މި މަސައްކަތަށް މީދޫގެ ގިނަ ބަޔަކު ޝައުގުވެރިވެ މިހާރު އެއީ ކާމިޔާބުކަމާއެކު ގިނަ ބަޔަކު އެ ރަށުގައި ކުރަމުން އަންނަ މަސައްކަތަކަށް ވަނީ ވެފައެވެ.
ގައުމީ ފެންވަރުގެ އެކި އެކި ފޯރަމްތަކާއި، އިންޓަނޭޝަނަލް ފޯރަމް ތަކުގައިވެސް އަންހެނުންގެ ހައްގުތަކަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ރަޝީދާއަކީ މީދޫގެ ކުޅިވަރު ކުރި އެރުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ފަރާތެކެވެ. މީދޫ ދޮންދީނި ބަށި ޓީމް، ފުޓްސަލް ޓީމް، އަދި އަންހެން ވޮލީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށް އެ ޓީމްތަކަށްވަނީ އަތޮޅު ފެންވަރުގައި ރަންވަނަތައް ހޯދައިދީފައެވެ.އެފްއޭއެމް ގްރާސްރޫޓް ފުޓްބޯޅަ ކޯޗިން ޓްރައިނިން އަދި ބަށި ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރަޝީދާ ބުނީ ކޮންމެ ކުޅިވަރެއްގައިވެސް އަބަދުވެސް އެންމެ އިސްކަމެއް ދީފައިވަނީ އެކުވެރިކަން ބަދަހިކޮށް ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ކުރިއަށް ގެންދިއުމަށްކަމަށެވެ.
ރަޝީދާ ވަނީ ރަށު ފެންވަރުގައި އަންހެނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމުގެ ގޮތުން އަމިއްލައަށް ރާވާ އިންތިޒާމުކޮށްގެން ނެޓްބޯޅަ މުބާރާތަކާއި ފުޓްސަލް މުބާރާތެއްގެ އިތުރުން ބަށި މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.
ސިޔާސީ ދާއިރާގަައި ވެސް މަސައްކަތް ކޮށް އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތު ކުރަމުން އަންނަ ރަޝީދާއަކީ ގިނަ ޚިދުމަތްތަކެއް އަމިއްލަ ރަށަށް ކޮއްދެމުން މީހާރުވެސް އަންނަ، މީދޫގެ އަންހެން ކަނބަލުންނަށް ހަމަގައިމުވެސް ނަމޫނާ މިސާލެކެވެ!