ޤައުމީ ޚިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ދެމުން އަންނަ “ރެހެންދި އެވޯޑް” އަށް ކުރިމަތިލުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި އެވޯޑު ދެނީ، ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރަށެވެ. އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރުގައި ވަޒަން ކުރުމުގެ ގޮތުންނެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން މިއަދު ކުރި އިއުލާނެއްގައިވަނީ މި އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އޮތް ކަމަށެވެ. އެ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުއިއްޔާ ޖަމާއަތްތަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މިފަހަރުވެސް މި އެވޯޑު ވަކި ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް ދޭއިރު، މި ދެ ކެޓަގަރީން އެވޯޑު ދޭނީ 4 ދާއިރާއަކުންނެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލިކޭޝަން ފޯމު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެއްވޭއިރު، އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސާވިސް ސެންޓަރު ތަކުން ވެސް ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ.
އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ވުޒާރާގެ އީމެއިލް އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ އެވުޒާރާގެ ކައުންޓަރުންނެވެ.
އަންހެނުންގެ އަގުވަޒަން ކުރުމަށް ޓަކައި، ރެހެންދި އެވޯޑު ދޭން ފެށީ 2014ވަނަ އަހަރުން ފެށިގެންނެވެ.