English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީން މަސްވެރިކަމަށް ނުކުތުމުގެ ހުއްދަ އެސްއެސްޑީތަކުން ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެޗްޕީއޭ އިން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ އާއި، އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޕީއޭ އިން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން 2021 ފެބްރުއަރީ 09 ވަނަ ދުވަހުން ފެށިގެން އައްޑޫއިން މަސްވެރިކަމަށް ނުކުތުމުގެ ހުއްދަ އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ދެމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން މަހަށް ފުރުމަށް ބޭނުންވާ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ މަޢުލޫމާތާއި އުޅަނދުން ދަތުރުކުރާ މީހުންނާއި، އުޅަނދު ފުރާނެ ދުވަހާއި އަދި އަނބުރާ އަންނާނެ ކަމަށް ލަފާކުރެވޭ ދުވަސް އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކަށް އަންގަންވާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

އަދި މަހަށް ނުކުތުމުގެ ހުއްދަ ދިންކަމަށް ބެލެވޭނީ އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކްއިން ލިޔުމުން ހުއްދަ ދޭ އުޅަނދުތަކަށް އެކަނި ކަމަށާއި، މޮނިޓަރިންގ އަށް ލުމުގެކުރިން އައްޑޫއިން މަހަށް ފުރާފައިވާ އައްޑޫއަށް ނިސްބަތްވާ އުޅަނދުތައް ރަށަށް އަނބުރާ އައުމަށް ބޭނުންނަމަ ސޯޝަލް ސަޕޯޓް ޑެސްކަށް އެކަން ހުށަހަޅައި ލިޔުމުން ހުއްދަ ހޯދުމަށްވެސް ކައުންސިލުން ވަނީ އަންގައިފައެވެ.

އައްޑޫ ސިޓީގެ އަވަށްތަކުގެ ސޯޝަލް ސަޕޯޓް ޑެސްކާއި ގުޅޭނެ ނަންބަރުތައް:

ހިތަދޫ: 7789042

މަރަދޫ: 7789043

މަރަދޫފޭދޫ: 7789045

ފޭދޫ: 7789044

ހުޅުދޫ: 7789046

މީދޫ: 7789041