English Edition
Dhivehi Edition

އައްޑޫ ސިޓީ ގައި ކޮވިޑް 19ގެ ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވުމާއި ގުޅިގެން ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އައްޑޫސިޓީން ފުވައްމުލަކަށް ދަތުރުކުރި ފަރާތްތަކުން އެކަހެރި ވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ފުވައްމުލަކު ކައުންސިލްގެ ފޭސްބުކް ޕޭޖްގައި މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ގައި ކޮވިޑް 19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ އަށް ދަތުރުކުރި ފަރާތްތަކުން ރައްކާތެރިކަމެއްގެ ގޮތުން އެކަހެރިވުން (ހޯމް އައިސޮލޭޝަނަށް ދިޔުމަށް) އެދޭކަމަށެވެ. އަދި އެފަރާތްތަކުން ކޮވިޑް 19ގެ އެއްވެސް އަލާމަތެއް ފެނިއްޖެނަމަ ފުލޫ ކުލިނިކަށް ދެއްކެވުން އެދޭކަމަށް ވެސް އެ ލިޔުމުގައި ވަނީ ބުނެފައެވެ.

އައްޑޫގައި ކޮވިޑް-19 ރޯގާ ފެތުރި، އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުން ކަރަންޓީނުވާން ޖެހުމާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލް ގައި މަސައްކަތް ކުރާ މެޑިކަލް އޮފިސަރ ޑރ. މުރުޝެދް ޗޯވްދުރީ ވެސް ވަނީ އޭއީއެޗް އަށް ފޮނުވާފައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫ ސިޓީގައި ކޮވިޑްގެ ކޭސްތައް ފެންނަން ފެށީ ހިތަދޫގައި ހުންނަ ފްލޫ ކްލިނިކަށް މިމަހުގެ 6 ވަނަ ދުވަހު ދެއްކި މީހަކު ޕޮޒިޓިވް ވުމާއެކުއެވެ. އޭގެ ފަހުން މި ކްލަސްޓާރ އާއި ގުޅުން ހުރި ގިނަ ބަޔަކު ޕޮޒިޓިވް ވަމުން އަންނައިރު އައްޑޫއިން ތިނަދޫ އަށް ދިޔަ މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.