ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިގެން ވަނީ އައްޑޫ އަދި މާލޭ ސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތައް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަނޑައަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ގާނޫނުގެ 41 ވަނަ މާއްދާއާއި އެ ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނޭ ބާރުތަކާއި އެ ސިޓީ ކައުންސިލަކުން ފޯރުކޮށްދޭނޭ ޚިދުމަތްތައް، ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތިން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެގޮތަށް ރައީސް ނިންމަވާފައިވާއިރު މީގެ ދުވަސްތަކެއް ކުރިން މާލޭ ސިޓީ ކައުންސިލް އަދި އައްޑޫ ސިޓީ ކައުންސިލަށް ދީފައިވާ ގިނަ ބާރުތަކެއް ހައުސިންގެ މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
ވަޒީރުންގެ މަޖިލިހުގެ ޖަލްސާގައި، ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިދެވޭނޭ ބާރުތަކާއި، އެ ސިޓީ ކައުންސިލުން ފޯރުކޮށް ދެވޭނޭ ޚިދުމަތްތަކާމެދު މަޝްވަރާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން ސިޓީއެއް ކަމަށް މިހާރުވެސް ކަނޑައަޅުއްވާފައިވާ ސަރަޙައްދުތަކުގެ ސިޓީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް، ފުވައްމުލަކު ސިޓީ ކައުންސިލަށްވެސް ލިބިދިނުމަށާއި، އެ ސިޓީ ކައުންސިލްތަކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ފުވައްމުލަކު ސިޓީ ކައުންސިލުންވެސް ފޯރުކޮށްދެމުން ގެންދާގޮތަށް ހަމަޖެއްސެވުމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގައި މިހާރު އޮތް ތިން ސިޓީގެ ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއި، އެ ސިޓީ ކައުންސިލްތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތްތައް އެއްގޮތް ކުރެއްވުމަށެވެ. ހަމައެއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި، އެ ޚިދުމަތްތައް އެ ފެންވަރުގައި ފޯރުކޮށްދެމުން ގެންދިޔުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރާ ފަދައަކުން ހަމަޖެއްސެވުމަށެވެ. ސިޓީ ކައުންސިލްތަކުންނާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތްތައް ވަކިން ކަނޑައެޅިގެންދިޔަ ނަމަވެސް، އެއިން އެއްވެސް ޚިދުމަތަކަށް ބުރޫއެރުމެއްނެތި، އެ ޚިދުމަތްތައް ރައްޔިތުންނަށް ލިބެމުންދާނެކަން ސަރުކާރުން ކަށަވަރުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ އާއި ފުވައްމުލައް އަދި އައްޑޫ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. މީގެކުރިންވެސް އެ ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.