English Edition
Dhivehi Edition
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އޭސީސީ

ދިވެހި ޒުވާނުންނަށް މިއަދު ބޭނުންވަނީ ރަނގަޅު ވަޒީފާ އާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ކަމަށާއި ނާޗަރަންގީ ޖަގަހަތައް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ޒުވާނުންނަށް މަޖާ ކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ ހަރަކާތްތައް ހިންގާ މަރުކަޒުތައް އެޅުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް މެމްބަރުންގެ މެދުގައިވެސް ހިޔާލު ތަފާތުވުންތަކެއް އުފެދި ބަހުގެ ހަމަލާތައް ވަނީ ބަދަލުކޮށްފައެވެ.

އެ ގަރާރުގެ ބަހުސްގައި ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ސޯޝަލްމީޑީއާގައިވެސް އެ މެމްބަރުންނަށް ގިނަ ފާޑު ކިޔުންތަަކެއް ވަނީ އަމާޒުވެފައެވެ. މިގޮތުން މި ބަހުސް އާއި ގުޅޭ ގޮތުން ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުން ވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ އާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުން ކަމަށެވެ. އިތުރަށް ޑރ. ޝަހީމް ވިދާޅުވީ ސިޔާސީ ލީޑަރުންވެސް އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަގުބަލު އުޖާލާކުރުމުގެ މައްޗަށްކަމަށެވެ.

އިތުރަށް ޑރ. ޝަހީމް ވިދާޅުވީ ޑިގްރީއާއި މާސްޓާޒް ހަދައިގެން ވެސް ވަޒީފާ އެއް ނުލިބި، އާއިލާ އާއި މައިންނަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި ތިބިކަމަށާއި ވަޒީފާއަށްޓަކައި ސަލާން ޖަހަން ޖެހޭ ހާލަތު ނެތިކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭ ކަމަށެވެ.”އަޅުގަނޑު އެދެނީ ނާޗަރަންގީ ޖަގަހަތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ގައުމުގެ މުސްތަގުބަލަށްޓަކައި ޒުވާނުންގެ ޝަހުސިއްޔަތު ބިނާކުރުން. ސިޔާސީ ލީޑަރުންނަށް ގައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތަކީ އެއީ،” ޑރ. ޝަހީމް ވިދާޅުވިއެވެ.