English Edition
Dhivehi Edition
އައްޑޫގައި ވެކްސިން ޖެހުން ކުރިއަށް ދަނީ/ފޮޓޯ ސޯޝަލް މީޑިއާ

އުމުރުން 55 އަހަރުން މަތީގެ މީހުންނަށް އައްޑޫސިޓީގައި ކޮވިޑް-19 އިން ރައްކާތެރި ވުމަށް ވެކްސިން ދޭން ފަށައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުންވަނީ ވެކްސިން ޖަހަން އަންނަ އިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް އަންގާފައެވެ. އައްޑޫގައި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އައްޑޫ ހައި ސްކޫލުގައެވެ. ވެކްސިން ޖަހަން ދާއިރު ބައްޔަކަށް ފަރުވާ ކުރާނަމަ ލިޔުންތަކާއިއެކު އައުމަށް ވެސް އަންގާފައިވެއެވެ.

މި ވެކްސިން ޖަހަންދާ މީހާއަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވުމުގެ އިތުރަށް ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

އަދި ވެކްސިން ޖަހަން ދާއިރު ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖެހޭނެ ހެދުމެއް ލައިގެން ދިއުމަށާއި ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް ވެސް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރައްވާފައެވެ.

ވެކްސިންޖެހުމަށް ޕޯޓަލް ގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ އެހީތެރިކަން އެތަނުގައި ކުރިއަށް ގެންދެވޭނެއެވެ. އަދި ހުރިހާ ފަރާތްތަކުންވެސް މި ޕޯރޓަލްގައި ރެޖިސްޓްރީ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އައްޑޫގައި ފުރަތަމަ ވެކްސިން ދީފައިވަނީ ސިއްޙީ ޚިދުމަތް ތެރިންނާއި އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އެކެޓަގަރީގައި ހިމަނައިގެން ސްކޫލް ތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ވެސް ވެކްސިން ދިނުމުގެ އިންތިޒާމް ދަނީ ކުރެވެމުންނެވެ.

އައްޑޫގައި ވެކްސިން ޖެހުން ކުރިއަށް ދަނީ/ފޮޓޯ ސޯޝަލް މީޑިއާ

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 4 އަދި 6 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުންފެށިގެން މާލެއާއި ކުޅުދެއްފުށީގައިވެސް ވަނީ ކޮވިޑް ވެކްސިން ދޭންފަށާފަ އެވެ.

ރާއްޖޭގައި ޖެހުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެއްވާފައިވަނީ ކޮވިޝީލްޑް ވެކްސިނަށެވެ. މިއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.