English Edition
Dhivehi Edition

ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރަށް ނިކުމެ އުޅޭނަމަ މާސްކު އެޅުން މަޖުބޫރު ކޮށްފައިވާ ކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން “މާސްކު އެޑުން މަޖުބޫރު” ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

ފުވައްމުލަކު ހުރިހާ ގޭބީސީ ތަކަށް އަމާޒުކޮށްގެން ހިންގާ “މާސްކް އެޑުން މަޖުބޫރު” ކެމްޕެއިން ގެ ދަށުން ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި ސްޓިކަރ ޖެެހުމުގެ އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. އިއްޔެ ކުރިއަށް ގެންދިޔަ މިއިވެންޓް ފެއްޓުމުގެ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރއާއި ޑެޕިއުޓީ މޭޔަރ އަދި ފުވައްމުލަކު ޕޮލިސްޓޭޝަންގެ ކޮމާންޑަރ ޢަލީ މައުރޫފް ގެ އިތުރުން ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރ އަޙުމަދު ސައީދު ވަނީ ބައިވެރިވެވަޑަގެންފައެވެ.

ފުވައްމުލަކު ރައްޔިތުން މާސްކް އެޅުމަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ސްޓިކާ ޖެހުމުގެ އިތުރުން މާސްކު އެޅުމަށް ހޭލުންތެރިކުރުމުގެ ގޮތުން ކަމާއި ގުޅޭ މެސެޖް ތައް ލިޔެފައިވާ ޕޯސްޓަރ ތަކާއި ސްޓިކާ ތައް ވަނީ ފިހާރަތަކާއި ގޭގޭގައި ހަރުކޮށްފައެވެ.

ފުވައްމުލަކުގައި މިހާތަނަށް ކޮވިޑް 19 އަށް 7 މީހުން ޕޮޒިޓިވް ވެފައިވާ އިރު އެއީ މުޅިން ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އޭގެ ތެރެއިން 4 މީހުން ބަލިން މުޅީން ރަނގަޅުވެފައިވާ އިރު ދެން ތިބި 3 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫސިޓީން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ ކްލަސްޓާއެއް އުފެދިފައި އޮތުމާއި ގުޅިގެން ފުވައްމުލައް ހޮސްޕިޓަލުން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލައްސިޓީގައި ކޮވިޑް-19ގެ ރޭންޑަމް ސާމްޕަލް މިއަދާއި އަދި މާދަމާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ އިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާއިރު ފާއިތުވި ދުވަސްތަކުގައި އައްޑޫ ސިޓީ އިން ގިނަ ބަޔަކުވަނީ އެކިއެކި ބޭނުންތަކަށް ފުވައްމުލަކަށް ދަތުރުކޮށްފައެވެ.