English Edition
Dhivehi Edition

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދެ މުވައްޒަފުން އައްޑޫ ސިޓީ އަށް ގޮސްފައިވަނީ އެޗްޕީއޭގެ ގައިޑް ލައިނާއި އެއްގޮތަށް ޕީސީއާރް ޓެސްޓު ހަދާ ނެގެޓިވް ނަތީޖާ ލިބުމުން ކަމަށް އެ ކޮމާންޑުން މިރޭ ބުނެފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިހެން ބުނެފައިމިވަނީ ހިތަދޫ އިން ދެ މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެއިން ހާއްސަ ހުއްދައިގެ ދަށުން ދިޔަ ބައެއްގެ ފަރާތުން ކަމަށް ބުނެ، އައްޑޫގެ މޭޔަރާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ޚަބަރުތަކުގައި އެ ކޮމާންޑުގެ މުވައްޒަފުންގެ ފަރާތުން ކޮވިޑް ފެތުރުނު ކަމަށް ތުހުމަތުކޮށްފައިވާތީ އެކަން ހިނގާފައިވާ ގޮތް އެންގުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވާގޮތުން އޭވިއޭޝަން ކޮމާންޑުގެ ޓްރެއިނިންގ ޔުނިޓްގެ ދެ މުވައްޒަފުން، އައްޑޫގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގ އަކަށް، ގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ. އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ޤަވާއިދުން ތަމްރީން ކުރަން ޖެހޭ ބަޔަކަށް ވެފައި މި ޓްރެއިނިންގ އަށް މުވައްޒަފުން ގޮސްފައިވާނީ، އެޗް.ޕީ.އޭ ގެ ގައިޑްލައިންއާއި އެއްގޮތަށް ޕީ.ސީ.އާރް ޓެސްޓް ހަދާ ނެގެޓިވް ނަތީޖާ ލިބުމުން ކަމަށާއި މުވައްޒަފުން ޢަމަލުކޮށްފައިވަނީ ޒިއްމާދާރު ކަމާއެކު އެޗްޕީއޭގެ ގައިޑްލައިންތަކައި އެއްގޮތަށް ކަމަށް ބަޔާން ކޮށްފައިވެއެވެ.

އަދި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތް ނުކޮށް އެ ކޮމާންޑުގެ މުވައްޒަފުންގެ ބޮލުގައި އިލްޒާމް އަޅުވައި، އެކަމުގައި މުއައްސަސާ ބަދުނާމުކޮށް ޚަބަރު ފެތުރުމަކީ ޒިއްމާދާރުކަން ކުޑަ ޢަމަލެއް ކަމަށާއި އެކަން ބަލައިނުގަންނާނެ ކަމަށް އޭވިއޭޝަން ކޮމާންޑުން ވަނީ ބުނެފައެވެ.

މިހާރަކަށް އައިސް ޚާއްސަ ހުއްދައިގެ ދަށުން ތަފާތު އެކި އެކި ނަންނަމުގައި އައްޑޫސިޓީއަށް މީހުން އައިސްފައިވާއިރު ކޮވިޑް 19 އާއި ގުޅިގެން ރަށް ރަށުގައި ހަދާފައިވާ ޤަވާއިދު ތަކަށް ބޯލަނބައި ކިޔަމަންވަމުން ދާ ރައްޔިތުންދަނީ މިކަމާއި މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މާލެއިން އައްޑޫއަށް އަންނަ މީހުން ކަރަންޓީންގެ މުއްދަތު ޤަވާއިދުން ފުރިހަމަ ކުރަމުންދާއިރު ޚާއްސަ ހުއްދައިގެ ދަށުން ސަރުކާރުގެ އެކި އެކި ބޭނުންތަކަށާއި އެނޫންވެސް އެހެނިހެން ގޮތްގޮތުން އަންނަ ފަރާތްތައް ދުވަހުން ދުވަހަށް ރަށުތެރެއަށް ވީއްލިފައި ތިބުމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ހޮނިހިރު ދުވަހު ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި 2 މީހަކު ކޮވިޑް 19 އަށް ފައްސި ވެފައިވާއިރު އޭގެ ފަހުން ފޭދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކުވެސް ވަނީ މިބައްޔަށް ފައްސި ވެފައެވެ. އަދި މިކްލަސްޓާއާއި ގުޅުންހުރި 4 ވަނަ މީހަކުވެސް މިހާރުވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ކޭސްތަކާއިއެކު އައްޑޫސިޓީއަށް އަރާ ފޭބުން ވަނީ އެއްކޮށް މަނާކޮށް މުޅިސިޓީ މޮނިޓަރިންގެ ޙާލަތަށް ބަދަލުކޮށްފައެވެ.

1 ކޮމެންޓް
Kiyun
ފެބުރުއަރީ 7, 2021
Negative PCR ga dhiyayas travel kuraa dhuvahu viyas badhdhal vaa meeheh ge faraathun noonee ai levey thaneh ge gothun virus hashigangadah vanna goiy vey. PCR hadhanee 72hrs kurin. Test hedhumaa travel kurumaa dhemedhu onna vaguthu ga beyrah goss ulhumakee ves fahun positive redult athuvedhaane kameh