English Edition
Dhivehi Edition
ކުރީގެ އީސީސީ އަދި މިހާރުގެ އޭއީއެޗްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް

އައްޑޫ ސިޓީ މޮނީޓަރިންއަށް ލީ ފަހުން އެ ސިޓީއިން ގއ.ގެމަނަފުއްޓަށް ދޯންޏެއް ފުރާފައިވާކަމަށާއި އެ ދޯނި ކަރަންޓީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ގެމަނަފުށީ ކައުންސިލުން ބުނެފިއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން، އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެންދިޔަ ފަހުން އެ ސިޓީ އިން ގެމަނަފުއްޓަށް ފުރި ދޯންޏަކީ އޯކިޑް 707 ނަމަކަށް ކިޔާ ދޯންޏެކެވެ. އަދި މި ދޯނީގައި ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށްފައިވާއިރު މި މީހުންނަކީ އައްޑޫ ސިޓީއަށް ޑޮކްޓަރަށް ދެއްކުމަށް އައި މީހުންކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ.

މިއަދު އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑަށް ދެ މީހަކު ޕޮޒިޓިވްވުމާއެކު އެ ސިޓީގެ ހުރިހާ އަވަށެއް މޮނީޓަރިންއަށް ލާފައިވާއިރު ހުޅުދޫމީދޫ އިން ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ،. އަދި އެ ރަށް ބުރާސްފަތި ދުވަހު މޮނީޓަރިންއަށް ލާފައިވާއިރު ހުކުރުދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލާ ހިލާފަށް ފުލުހުންގެ ލޯންޗެއްގައި ބަޔަކު ސ. ހުޅުދޫމީދޫ އިން ފުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ފުވައްމުލަކުން ދިޔަ ލޯންޗެއް ހުޅުމީދޫ އަށް ކައިރި ކުރުމަށް ފަހު އެ ރަށުގައި މަސައްކަތް ކުރާ ސިވިލް ފުލުހަކާއި އޭނާގެ އަނބިމީހާ ލޯންޗުގައި ހިތަދޫ އަށް ގެންދިޔަ މައްސަލަ ބޮޑުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެމަފިރިން ވެސް ފުރީ އައްޑޫ ސިޓީ ކައުންސިލުން ނަގަން ޖެހޭ ހުއްދަ ނަގައިގެން ކަމަށެވެ.