ގދ. ތިނަދޫގައި ހުންނަ ސަދާރން މެޑިކަލް ސެންޓަރ (އެސް.އެމް.ސީ) ކްލިިނިކްގެ ބޭސްފިހާރައިން އާސަންދަ މެދުވެރިކޮށް ބޭސް ލިބޭނެ ޚިދުމަތް ތަޢާރަފް ކޮށްފިއެވެ. މި ޚިދުމަތުގެ ތެރެއިން ރާއްޖޭގެ އާސަންދައިން ލިބެން ހުންނަ ހުރިހާ ބޭހެއް އެ ބޭސްފިހާރައިން މިހާރު ލިބެން ހުންނާނެއެވެ.
އެސް.އެމް.ސީ ކްލިނިކްގެ އަމާޒަކީ އާސަންދައިން ލިބެން ހުންނަ ހުރިހާ ބޭހެއް އެ ބޭސްފިހާރައިން ހުސްނުވެ ލިބެން ހުންނަގޮތް ހެދުން ކަމަށާއި އެ ކްލިނިކުން ނުވަތަ ތިނަދޫގައި ހުންނަ ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކާފައި ދޭ ބޭސް ސިޓީތަކަށް ތިނަދޫ އިން ބޭސް ނުލިބިގެން ބޭސް ސިޓީއާއި އައިޑީ ކާރޑް މާލެ ފޮނުވައިގެން އާސަންދަ މެދުވެރިކޮށް ބޭސް ހޯދަން ނުޖެހޭނެ ފަދަ ގޮތެއް ހެދުން ކަމަށް އެސް.އެމް.ސީ ކްލިނިކުން މަޢުލޫމާތު ދެއެވެ.
މިހާރުވެސް ބޭސްފިހާރައިގެ ޚިދުމަތް ދެމުން އަންނަ އެ ކްލިނިކުގައި އަވަސް މުސްތަގުބަލެއްގައި ލެބޯޓްރީ އަދި އެކްސްރޭގެ ޚިދުމަތް ފަށާނެކަމަށް އެސް.އެމް.ސީ ކްލިނިކުން މަޢުލޫމާތު ދެއެވެ. އަދި ކޮންމެ ހަފްތާއެއްގައި ވެސް ރާއްޖޭގެ މަޝްހޫރު ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރާވަމުން އަންނަ ކަމަށާއި މާލެއިން ދަތުރުކުރާ މީހުން ހޯމް ކަރަންޓީން ވާން ޖެހޭތީ މިވަގުތު އެ ޚިދުމަތް މަޑުޖައްސާލެވިފައިވީ ނަމަވެސް މާތް ﷲ ގެ އިރާދަފުޅާއެކު އެ ޚިދުމަތް އަވަސް މުއްދަތެއްގައި ފަށާނެކަމަށް ވެސް އެސް.އެމް.ސީ ކްލިނިކުން ފާހަގަކުރިއެވެ.
އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން މާލެ ނުގޮސް ރައްޔިތުން ބޭނުންވާ ސިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފައްދާފައިވާ އެސް.އެމް.ސީ ކްލިނިކަކީ މިވަގުތު ހުވަދުއަތޮޅުގައި ހުރި ހަމައެކަނި ސިއްހީ ޚިދުމަތްދޭ ކްލިނިކެވެ.
ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޑރ. އަޙްމަދު އާޒިމް އަބްދުއްޝުކޫރު ފަރުވާދެއްވަމުން އަންނަ އެ ކްލިނިކަށް ހުވަދުއަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ތަރުހީބު ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.