English Edition
Dhivehi Edition

ޒަމާނުއްސުރެ ގދ.ތިނަދޫގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅެމުން އައިގޮތާއި އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ކިތަންމެ ކުރަކި އިބާރާތުން ނަމަވެސް އަޑުއަހާ މީހުންގެ ކަންފަތްދޮށުގައި ސިއްރު ސިއްރުން ކިޔައިދެވޭތޯ މަސައްކަތް ފަށައިގަންނަމެވެ. ބުރަ މަސައްކަތުން ކާބަފައިންގެ އަތްފައި ކޮށާލައިގެން ވެހޭހާ ވާރޭގަޔާއި ދޭހާ އަތްވެއްގައި ކުރި މަސައްކަތް ހާމަވޭތޯއެވެ. މީގެ އަހަރުތަކެއް ކުރިން 1948އިން ފެށިގެން ކާބަފައިން ދިރިއުޅެމުން އައިގޮތަށް އަލިއަޅުވާލާނަމެވެ. އެބުރަ މަސައްކަތް ކިތަންމެ ކުޅަދާނަ ޝާއިރަކަށްވެސް ގަލަމަކުން ލަފްޒުތަކެއްގެ ސިފައިގައި ހާމަކުރުމަކީ ދަތިކަމެކެވެ.

މީގެ 63 އަހަރު ކުރިޔަށް ނަޒަރު ހިންގާލާއިރު ގދ.ތިނަދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ ފުރަތަމަ މަސައްކަތަކީ ކޮންމެ އަހަރަކުވެސް، އަހަރަކު އެއްފަހަރު ކުރާ ބޭރު ދަތުރު ( އިންޑިޔާ، ސިލޯން އަދި މާލެޔަށް) އެވެ. ދަތުރު ދިޔުމަށް ފަޅުރަށްރަށުން ކާށި ގެނެސް ޖަމާކޮށް ކުފުރާ ހަދާ، ކަނޑުމަސް ރައްކާކޮށް އެއެއްޗެހި ހިފައިގެން ދަތުރު ފަށައެވެ. އިންޖީނުލީ ބޯޓުފަހަރު ނުހުންނާތީ ރުއް ލަކުނޑިއާއި ގަސް ލަކުނޑިން ބަދެފައި ހުންނަ ބޮޑެތި އޮޑިފަހަރުގައި ހަތަރެސްކަން ރިޔާ ނަގައިގެން ދަތުރުކުރެއެވެ. އޭރު އެގޮތަށް ރާއްޖެއިން ބޭރު ދަތުރުކުރާން ތިނަދޫގަ ހުންނަ އޮޑިތަކަކީ ހިރިހަމައިދީ ކަލޭފާނު އޮޑިޔާއި، އިސްމާއިލް ހާޖީ އޮޑި، ބުރުނީ އޮޑި އަދި މީގެ ކޮންމެ މީހެއްގެ ކުޑަ ދެ އޮޑިޔާއި، ސަންފަގެ އިބްރާހިމް ކިޔާ މީހެއްގެ އޮޑި ހިމަނައިގެން 6 އޮޑި ތިނަދޫގައި އޮވެއެވެ. އަހަރަކު އެއްފަހަރު މިގޮތަށް އޮޑިފަހަރުގައި އިންޑިޔާއަށާއި ސިލޯނަށް ގޮސް ރަށުން ގެންނަ ތަކެތި އެރަށަށް ވިއްކައެވެ. އެއެއްޗެހީގެ ބަދަލުގައި ހަޑޫ، ފުށް، ހަކުރު އަދި ހަވާދުގެ ބާވަތްތައް ރަށަށް ގެނެއެވެ. އެރަށްރަށަށް ގޮސް ތިނަދޫ މީހުން އޮޑިން ފައިބައިގެން އެއްގަމަށް ދާއިރު އެރަށު މީހުންނަށް (ސިފައިންނަށް) ނުފެންނަގޮތަށް ހިކި ކަނޑުމަސް ދެފައިގަޔާއި ގައިގެ މަސްގަޑުގައި ބަދެގެން އޭގެ މަތިން މުންޑު އަދެ ޓީޝާޓާއި ގަމީސް ލައިގެން ރަށުގެ ފިހާރަތަކަށް ގޮސް އެއެއްޗެހި ވިއްކައެވެ. އެއެއްޗެހީގެ ބަދަލުގައި ދިވެހިން ބޭނުން ތަކެތި އެމީހުން ދޭނެއެވެ. މިގޮތުން ދިވެހި ބޭސް، މަތިކަރާބޭސް އަރޮޅި، ބުރޮޅި ބޭސް ބަސްތާ ބަސްތާއަށް ދޭނެއެވެ. މިގޮތަށް ބޭރު ދަތުރުކުރުމަށްފަހު ތިން މަސް ފަހުން އެއޮޑިތައް ރަށަށް އާދެއެވެ. ރަށަށް އަންނަ އިރު މާލެ ވަދެފައި ލިޔުމެއް ހޯދައިގެން ނައިނަމަ 10 ދުވަސް ނުވަތަ 7 ދުވަސް ވަންދެން އެއްގަމަށް ނުފައިބާ ކަރަންޓީނުގައި ރަށު ފަޅުގައި އޮންނަން ޖެހެއެވެ. މިގޮތަށް ދަތުރުކޮށް ތަކެތި ގެންނާތީ، ރާއްޖޭގެ ވެރިރަށް މާލެއަށްވުރެ ގދ.ތިނަދޫގައި ތަކެތި (ކާޑު،އަންނައުނު، ފަށުއި ލިބާސް، ކަޑިކިފޮތި، ކަސަބާއި ނަބާދު ހަކުރާއި، އަވެއްޔާއި) ގިނަވެފައި ހުރިހާ ގޮތަކުންވެސް މުއްސަދިވެފައިވާ ވަރަށް ނިޔާމަގޮތެއްގައި ތަނަވަސްއެވެ. އޭގެ ސަބަބުން މުޅި ގދ އާއި ގއ ގެ 21 ރަށުގެ އެންމެން ތިނަދޫ މީހުންނާއިމެދު ޒާތީ ފިތުނަވެރިކަން އުފައްދާ މަލާމާތްކޮށް ބަދުނާމު ކުރަމުން ގެންދިޔައެވެ.

ކުޑަވެސް ޝައްކެތް ނެތް ގޮތުގައި ގދ.ތިނަދޫގެ ރައްޔިތުން (ފިރިހެނުން) އާމްދަނީ ހޯދުމަށް ކުރަމުން އައި ދެވަނަ މަސައްކަތަކީ ދިވެހި މަސްވެރިކަމެވެ. ހަތަރެސްކަން ރިޔަލާއި ކަތިރިޔާ ނެގި އޮޑިދޯނިފަހަރުގައި ވައިމަޑު ދުވަހު ފަލިޖަހާ ދެއަތުން ފޮޅުނަގާ މަހުންއައިސް ދެއަތުގައި ހީނާފަތްއަޅާއެވެ. ޖެހިގެން އަންނަ ދުވަހުވެސް މަހަށް ގޮސް ދޯނީގެ ދިޔަހިއްކާ ހަދަނީ އަތުންނެވެ. މަހަށް ގޮސް ހައްސަބާނައިގެން މަސްކިރާ ބޯޓުފަހަރު ނުހުންނައިރު މަސް ރަށަށް ގެނެސް ކައްކާ ހިއްކާ ރިހާކުރު ހަދައިގެން ކަށިވެސް ހިއްކާ ކަށިކުޑި ހަދައިގެން މާލެއަށާއި ރާއްޖެއިން ބޭރަށް ހަންދު ހަންދަރުން ކިރާހަދައެވެ. ކަށިކުޑި ކިލޯއެއް ވިއްކަނީ 60ރުފިޔާއަށެވެ. މަސް ނުބާނާ މޫސުމުގައި ހިއްކާފައި ހުންނަ ކަށިމަހުން ރާމައްސުނި (ފޮނިކޮށް ހަދާފައި ހުންނަ މަސްހުނި) ހަދައިގެން ކާން ބޭނުންކުރާތީ އެއްގޮތަކަށް ދަތި ދުވަސްވަރެއް ނާދެއެވެ. އެގޮތުން ތިނަދޫގައި މަސްވެރިކަން ކުރާ ދޯނިތަކަކީ “ގަލެބިނެ ދޯނި” ” ކޭލާ ބައްތެއްޔާއި” “ކަޓިޔޭ ބައްތެއްޔާއި” “ފަޅޯ ބައްތެއްޔާއި” “ހޫނު ފޮންވިއްޔާ” “ކަޅެވާ ބެއްސިޔާ” “އަސޭ ބައްތެއްޔާ” “މިރިހުގޭ ބައްތެއްޔާއި” “އުހު ބައްތެއްޔެ”ވެ. ދޯނިފަހަރު އެއްގަމަށް އެހެލާއިރުވެސް ރަށުގެ ހުރިހާ މީހުން ނުކުމެ އެހީތެރިވާނެއެވެ. އޮޑިފަހަރު އެހެލާއިރު ވަލުގަ ހިފާ ކޮންމެ މީހަކަށް ހަނޑޫ ލާއްސެއްދޭނެއެވެ. އެޔަށް ކިޔަނީ “ވަލުހިފި ލާހި”އެވެ.

އެވޭލާ ޒަމާނުގައި ދެންކުރެވުނު މަސައްކަތަކީ ގޮވާންކުރުމެވެ. މިހާރު އެއާޕޯޓް ހަދާފައިވާ ކާޑެއްދޫއަށް ހަފްތާއަކު ދެދުވަހު (ހޮނިހިރު އަދި އަންގާރަ ދުވަހު) ކުޑަ ބޮއްކުރާއެއްގައި އެރަށަށް މީހުން ދާނެއެވެ. ކޮންމެ ގެޔަކަށް ކަހަލަ ގޮތަކަށް ސަތޭކަފޫޓާއި ފަންސާސް ފޫޓުގެ ދަނޑެއް ދީފައި އޮވެއެވެ. އެދަނޑުގައި އޮޅުއަލަ، ފަތްކެޔޮ، މާޅަސްކެޔޮ، ބަރަބޯ، މިރުސް އަދި މިނޫންވެސް ގިނަ ބާވަތްތައް ހައްދައެވެ. އެރަށަށްދާ ކޮންމެ ދުވަހަކު އޮޅުއަލަ ބަސްތާއަކާއި އަލަކައްކާނެ ދަރުބޮޑިއެއް ރަށަށް ގެންނާނެއެވެ. ބޮޑެތި އަލަ ފެނުކައްކާ ކުދި އަލައިން ރިހަ އާއި ފަނި ކައްކައި ކުދިއަލަ ކޮށައި އަވީލައި ހިއްކައި މުރަނިކުރުމަށްފަހު ކުޑަ ވަނަކުން ތަޅާ އެއަލަފުށަށް ހަދާ އެފުށުން ރޮށި ފިހެ ބޯކިބާވެސް އަޅައެވެ. ކެއިންބުއިމަށް އެއްވެސް ދަތިކަމެއް އޭރަކު ދިމާނުވެއެވެ. ކެއިންބުއިމަށް ބޭނުންވާ ތަކެތި ދަނޑުތަކުގައި ހައްދައިގެން ބޭނުންކުރެއެވެ. ކާޑެއްދޫ އެއާރޕޯޓް އެޅުމުން އެމަސައްކަތް މަޑުމަޑުން އުވެމުން އުވެމުން ގޮސް އެއްކޮށް އުވިއްޖެއެވެ.

ކާބަފައިންގެ މަސައްކަތް ތަރައްޤީވެ މަސްވެރިކަން ކުރުމަށްވެސް މިހާރު ބޭނުން ކުރަމުންދަނީ ދެބުރި ތިންބުރީގެ އޭސީކޮށްފަ ހުންނަ އިންޖީނުލީ ދޯނިފަހަރެވެ. ކުރީޒަމާނު މީހުންނެކޭ އެއްގޮތަށް ވެހޭހާ ވާރޭގާ އަރާހާ އަވީގާ މިޒަމާނުގެ މަސްވެރިން އުޅޭކަށް ނުޖެހެއެވެ. ދޯނީގައި އޭސީ ކޮޓަރިތަކާއި ޓީވީ އަދި ފާޚާނަ ބަހައްޓާފައި ހުރެއެވެ. މަސްވެރިކަން ކުރަނީ ރަސް އިއްޒަތުގައެވެ. މަސްބާނައިގެން ބޯޓަށް މަސްކިރުމުން ލާރިލިބެއެވެ. ހަމަ އެގޮތަށް ރަށުގައި ތިބެގެން ރާއްޖެއިން ބޭރުން ބޭނުންވާ އެއްޗެހި އޯޑަރުކޮށްގެން ސީދާ ރަށަށް ގެނެއެވެ. ވިޔަފާރިކުރުމުގައިވެސް އަދި މަސްވެރިކަން ކުރުމުގައިވެސް ތިނަދޫގެ ރައްޔިތުންނަކީ އެހާރުވެސް އަދި މިހާރުވެސް އެންމެ ކުރީސަފުން ފެންނާނެ ބަޔެކެވެ.

މައުލޫމާތު: ތިނަދޫގެ ކުރީގެ ކަތީބަކަށް އުޅުނު ބޭފުޅެއް ކަމަށްވާ އަބްދުﷲ އަފީފް (ފެހިކޮކާ/ ގދ.ތިނަދޫ)