English Edition
Dhivehi Edition

އަމިއްލަ ބޭނުމެއްގައި ކޯޓަށް ގޮސް ދޮރުން އެތެރެވީތަނުން ފެނުނީ އެހެންޏާ ޚިލާފަށް ފުށް ޖަހައި ތުންފަތުގައި ކުލަޖައްސައިގެން މަދިޔަ މަކޮއި އިންދައެވެ. ކޮއި، ކޯޓުގައި ކުރަނީ ކޮންކަމެއްހޭ އަހާލުމުން ބުނީ، ރަށްޓެއްސެއްގެ ކައިވެންޏަކަށް އޭނާއާއެކު އައީކަމުގައެވެ. އަހަރެން ބުނީމެވެ. ކޮއި ޗާލުކަމުން މަހީކުރީ ކައިވެނި ކުރަނީ ކޮއި ކަމަށެވެ. މިހެން ބުނުމުން ކޮއި ރަކިފާޑަކަށް ބުންޏެވެ. ނޫނެކެވެ. މަށެއް ނޫނެވެ. ކައިވެނި ކުރަނީ ލުއްޗާން މޫސާއާއި އެއުޅޭ ގުލާބީއާ ދެމީހުންނެވެ.

ކޮއިގެ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން އަހަރެން ބުނީމެވެ. ތިޔަކައިވެނީގައި ބަރަކާތް ލައްވާށިއެވެ. ހަމަ ބުނެވުނުތަނާ ފުންމައިގެން ތެދުވެ ކޮއި ބުންޏެވެ. ކޮން ބަރަކާތެއް ހެއްޔެވެ؟ ބަލަން ހުންނާށެވެ. ގިނަވިޔަސް ވާނީ ހަފުތާއެކެވެ. ލުއްޗާނާ، ގުލާބީ ވަރިކުރާނެއެވެ. އަނެއްކާ އަނެއް މީހަކާ އިންނާނެއެވެ. އަހަރެން ހައިރާންކަމާއެކު އަހާލީމެވެ. ކޮޔާއެވެ. މީސްމީހުނާމެދު ތަގުދީރުގައި ލިޔެވިފައިވާ އެއްޗެއް ކޮޔަށް އެނގެނީ ހެއްޔެވެ؟

ކޮއި ތަންކޮޅެއް ހަމަޖެހިގެން އިށީންނަމުން ބުންޏެވެ. އެ ލުއްޗާނަކު އުމުރުން ތިރީސް އަހަރުވީއިރު ދިހަ ބާރަ ކައިވެނިކޮށްފިއެވެ. އެއިން ކައިވެންޏެއް މަހަކަށްވެސް ދިގުދެމިގެނެއް ނުދެއެވެ. އެހެންވީމާ މި ކައިވެންޏަށް ވެސް ވާނީ ހަމަ އެވަރެވެ.

އަހަރެން ބުނީމެވެ. ކޮޔާއެވެ! ޢުމުރުން ތިރީސް އަހަރުވީއިރު ދިހަ ބާރަ ކައިވެނި ކޮށްފައިވާނަމަ ހާދަހާ ގިނަ ތަޖުރިބާތަކެއް ކުރެވިފައި ހުންނާނެއެވެ. މި ބުނީ، ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްތަކާ ދިމާވެ ގިނަ ފިލާވަޅުތަކެއްވެސް ލިބޭނެވާހަކައެވެ. ކޮޔާއެވެ! ބުނަންހެއްޔެވެ؟ ދިރިއުޅުމުގައި ތިޔަހެން ހެދޭ ގޯސްތަކުން ނުހަނު އަގުހުރި ޢިބުރަތްތައް ހާސިލްވާނެއެވެ. ދިރިއުޅުން ދިރިއުޅުމަކަށްވަނީ ޢިބުރަތުންނެވެ. ވާހަކަ މިހާހިސާބަށް ދިޔަތަނާ ކޮއި ރުޅިއައިސްފައި ބުންޏެވެ.

ދަރިޔާއެވެ! ތިޔަ ޢިބުރަތާ ފިލާވަޅާ އަހަންނަށް ކިޔައިދޭނެ ކަމެއް ނެތެވެ. ގޯސް ހެދިގެން އެއިން ޢިިބުރަތް ހާސިލް ކުރާ މީހާ އެ ގޯސް ތަކުރާރެއް ނުކުރާނެއެވެ. ކުރިޔަށް ދާނީ ތިމާއަށް ހެދުނު ގޯސް ރަނގަޅު ކޮށްގެންނެވެ. ތަކުރާރުކޮށް މަތިމައްޗަށް ގޯސް ހަދާފައި ކޮންމެ ފަހަރަކު އެއީ ލިބުނު ފިލާވަޅެކޭ ބުންޏަސް އެއީ ފިލާވަޅަކަށް ނުވާނެއެވެ. ތިޔަ ހުންނަނީ ތިމާ ކުރާ ގޯސްކަންތަކާއި ނުބައި ކަންތައް މަތިޖަހާލަންވެގެން ދައްކާ ބަހަނާ ތަކެވެ. ލުއްޗާނާވެސް ކޮންމެ ފަހަރަކު އަންހެނުން ވަރިކޮށްފައި، އެއީ އޭނާއަށް ލިބުނު ރަނގަޅު ފިލާވަޅެކޭ ބުނެއެވެ. އެހެންޏާފަހެ، ފިލާވަޅެއް ލިބުނުނަމަ، އިބުރަތެއް ލިބުނުނަމަ، ކުރިން ހެދުނު ގޯސް، އޭގެ އެހީގައި ރަނގަޅު ކުރަންވެސް އެނގޭނެތާއެވެ. ދަރިޔާއެވެ. ތިއީ އަހަރުމެން ދަންނަ ފާޑެކެވެ.