English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި ޓުވިޓެއްގައި ބުނީ އެ ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް މިމަހުގެ 27 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މި ގޮތުން ފުވައްމުލައް ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ހުސްނުހީނާމަގާއި ޣާޒީމަގު ގުޅުނު ހިސާބުން މަސައްކަތް ފަށާފައިވާކަމަށާއި މިވަގުތު ކުރިއަށްދަނީ ސެޓްލްމެންޓް ޓޭންކްސް އަދި ކޭބަލް ޑަކްޓް ވަޅުލުމުގެ މަސައްކަތްކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ފުވައްމުލަކުގެ ރިންގް ރޯޑްގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އިން 30 ޑިސެމްބަރ 2020ގައި ނިންމާލުމަށް ފަހުއެވެ.ފު ވައްމުލައް ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ރިންގްރޯޑްގެ މަސައްކަތް ނިމުމާއެކު އެ ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެމް.ޓީ.ސީ.ސީ.އާ ވަނީ ޙަވާލުކޮށްފައެވެ.މި މަޝްރޫއުގައި ފުވައްމުލަކު އެތެރޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 16 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ޙަވާލުކޮށްފައެވެ. ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ޒަމާނީފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ޖުމުލަ 31 މަގުގައި ތާރުއަޅުމަށް ނިންމާފައިވާއިރު މި މަގުތަކުގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި ލެޑް ލައިޓް ހަރުކުރުމާއި، ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކުރާނެއެވެ.

ފުވައްމުލައް ސިޓީގެ ރިންގް ރޯޑްގެ މަސައްކަތް އެމްޓީސީސީ އާއި 27 މާރޗް 2019 ވަނަ ދުވަހު ހަވާލުކޮށްފައިވާއިރު މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރިންގްރޯޑް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 17 އެޕްރީލް 2019 ގައެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ނައިބުތުއްތު ހިނގުމުގެ 2.7 ކިލޯމީޓަރުގައި ތާރު އަޅައި، ސްޕީޑް ބްރޭކަރު ހަރުކޮށް ލެޑް ބައްތި ވަނީ ޖަހާފައެވެ. އަދި 122،659 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، އަދި 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމުގެ މަސައްކަތް ނިންމާފައިވާއިރު މަގުމަތީ ނިޝާން ހަރުކުރުމާއި 123 ލެޑް ލައިޓް ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ނުވަތަ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްއެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާލާފައެވެ.މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 37.19 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.