English Edition
Dhivehi Edition
ސަފާ ގުރޫޕުން މިފަހަރު އުމްުރާއަށް ދިޔަ އުމުރާވެރިން : ފޮޓޯ އައްސަފާ

އައްސަފާ ޕްރައިވެޓު ލިމިޓެޑުގެ ހަވާލުގައި އުމްރާއަށް ދިޔަ ޢުމުރުން ދުވަސްވީ ދެމަފިރިއަކު ނުލައި ރާއްޖެ އަންނަން ޖެހުނީ އެ ދެމަފިރިން ފަރުވާކުޑަވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ފްލައިޓުން އެގުރޫޕުގެ އުމްރާވެރިން އެނބުރި މާލެ އަންނަން ހަމަޖެހިފައިވަނިކޮށް މާލެ ނާދެވި މަޑުކުރަން ޖެހުނީ އެގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ އަބްދުﷲ ނަސީމާއި ޒުހެއިރާ ގާސިމަށެވެ.

އެމީހުންނަށް މާލެ ނާދެވުނު މައްސަލައާއި ގުޅިގެން އާއިލާއިން ބުނެފައިވަނީ އެކަމުގައި ކުންފުނީގެ އިހުމާލު ވާ ކަމަށެވެ. އަދި އެމީހުންނަށް ބޯޓަށް ނޭރޭކަން ގުރޫޕުގެ އިސްވެރިންނަށް ނުވެސް އެނގޭ ކަމަށެވެ.

މި ކަމާ ގުޅިގެން އައްސަފާ ކުންފުންޏަށް ފާޑުކިޔުން އަމާޒުވަމުންދަނިކޮށް، އެ ކުންފުނީގެ ފަރާތުންވަނީ ކަންހިނގައިދިޔަ ގޮތް އޮޅުންފިލުވައިދިނުމަށް ބަޔާނެއް ނެރެފައެވެ.

އައްސަފާއިން ނެރުނު ބަޔާނުގައިވަނީ މާލެ ނާދެވުނު ދެމަފިރިންނަކީ އެ ކުންފުނިން ހަމަޖައްސަންޖެހޭ ހުރިހައި އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވީ ނަމަވެސް، ފުރާގަޑި ޖެހުނުއިރު ބޯޓަށް އަރާފައިނުވާ ދެ މީހުން ކަމަށެވެ.

ގުރޫޕުން ބުނީ ޖިއްދާއަށް ގެންގޮސް، ލަގެޖުތައް ކިރުވައި، ޒަމްޒަމް ފެންދީ، ބޯޑިން ހަމަޖައްސައި، އަދި އިމިގްރޭޝަނުގެ ކަންކަން ނިންމުމަށްފަހު ޑިޕާޗާ ހޯލަށް ވެއްދުމުން ވެސް އެ ދެ މީހުން ބޯޓަށް އަރާފައިނުވާ ކަމަށެވެ.

އަދި އެތައް ފަހަރަކު އިއުލާންކޮށް ވެސް، އަދި ފައިނަލް ކޯލުގައި ވެސް އެމީހުން ބޯޓަށް އަރާފައި ނުވާ ކަމަށެވެ.

“އެހެން ހުރިހާ ހާޖީން ބޯޓަށް އެރިއިރު ވެސް މި ދެ މީހުން ބޯޓަށް އަރާފައި ނުވަނީ އެ ދެ މީހުންގެ ފަރުވާކުޑަކަމުން ކަމުގައި ދެކެމެވެ.” ސަފާއިން ނެރުނު ބަޔާނުގައިވެއެވެ.

ސަފާއިން ބުނީ އެދެމީހުން ހޯދުމަށް ކުންފުންޏާއި، ވިސާ އޭޖެންޓާއި، ސައުދީ އަރަބިއްޔާގެ އެމްބަސީއާ ގުޅިގެން މަސައްކަތްކޮށްގެން އެ މީހުން ހޯދުނުއިރު ފްލައިޓުވަނީ ފުރާފައި ކަމަށެވެ.

“މި ކަމުގެ ސަބަބުން އެ ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު. އޭގެ ސަބަބުން ނުފުރިވާ ފަރާތްތަކުގެ ކަންކަން ހަމަޖެއްސުމަށާއި އަލުން ފުރުމަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ބޮޑެތި ޚަރަދުތަކެއް ވަނީ ކުރަން ޖެހިފައި” ސަފާއިން ބުނެފައިވެއެވެ.

މި މައްސަލައިގެ ސަބަބުން ކުންފުނީގެ ވެރިފަރާތާއި އޭނާގެ އަނބިމީހާއަށް ވެސް ނުފުރި މަޑުކުރަން ޖެހުނު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަލްސަފާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގެންދިޔައީ 192 މީހުންނެވެ. މީގެ ތެރެއިން 144 މީހުން މިދިޔަ ހޮނިހިރު ދުވަހު މާލެ އައިސްފައިވާއިރު ބާކީ ތިބި 48 މީހުން އައުމަށް ހަމަޖެހިފައި އޮތީ ހޯމަ ދުވަހުގެ 06:00 ގެ ފްލައިޓުންނެވެ.

.

1 ކޮމެންޓް
ތިމާކޮޅު
އޭޕްރީލް 7, 2025
އާއިލާއިން އެއުޅުނީ ތަނެއްގެ އަގުވައްޓާލަން..ދައުވާކުރަން ފެންނަނީ އެދެމީހުނާމެދު ގެއްލުމުގެ ބަދަލް ހޯދުމައް