މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތް ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
މާދަމާ މެންދުރު 14:00 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ މި ދެ ދައުވާ އަކީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ދައުވާއެވެ.
މިއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާ ދެ މަހާ 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.
މި މަހުގެ 07 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާއާއި މުދަލެއް ވާނަމަ. އެ ފައިސާއާއި މުލައެއް ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އަދި ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ނެންގެވި ކަމަށް ތުހުމަތު ކުރާ 1.1 މިލިއަން ޑޮލަރު ނެގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ.