English Edition
Dhivehi Edition

ކޮންމެ ވެރިކަމެއްގައިވެސް އައްޑޫ ތަރައްޤީކުރުމަށް އެއްވެސް ބަޔަކު މަސައްކަތްނުކުރާ ވާހަކައަކީ މެދުކެނޑުމެއްނެތި އިވޭ އަޑުތަކެވެ. އައްޑޫ އަކީ ހަމައެކަނި އިންތިޚާބު ތަކާ ދިމާކޮށް ވޯޓަށް އޮންނަތަނެއްގެ ގޮތުގައި ސިޔާސީ ފަރާތްތަކުން ބުނާ ވާހަކައަކީ އަޑުއިވިއިވި ބާވެފައިވާ ވާހަކަތަކެވެ. މި ވާހަކަތަކަށް އެންމެ ބޮޑު ބާރެއް ލިބޭ އެއް ހެއްކަކީ ރާއްޖޭގެ އެހެން އަތޮޅުތަކަށް އައިސްފައިވާ ތަރައްޤީއާއި އަޅާ ބަލާއިރު އައްޑޫ ސިޓީއަށް ‘ހައްޤުވާ” ތަރައްޤީ ގެ ކަންފުޅެއްވެސް އައިސްފައި ނެތުމެވެ. ކޮންމެ ސަރުކާރަކުންވެސް އައްޑޫގެ ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ ‘ފިނިހަކަ’ ސްޕީޑްގައިކަމީ އެންމެން ދަންނަ “ބޮޑު ހަގީގަތެ” ކެވެ. ދުރާލާ ރޭވިގެން ކުރިއަށްދާ ‘މާސްޓާރ ޕްލޭނަކީ’ އައްޑޫ ވީރާނާކޮށް އަބަދުވެސް މައި ސަރުކާރަށް ސަލާންޖަހަންޖެހޭ ފަދަ ނިކަމެތި ހާލަތުގައި ބޭއްވުން ތޯ ރައްޔިތުން ދަނީ ކެނޑިނޭޅި އަހަމުންނެވެ. ރައްޔިތުންގެ މި ޝަކުވާތައް އަޑު އަހާ މިކަންކަން ހައްލުކުރުމަށް ހޮވާފައިވާ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ ދެނެގަންނަން ރައްޔިތުން ބޭނުންވާ ވާހަކަ އެކިއެކި ޕްލެޓްފޯމްތަކުގައި ހުއްޓުމެއް ނެތި އެދަނީ ބުނަމުންނެވެ.

No description available.
ފޮޓޯ:އޭއޯ ނިއުސް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ކައުންސިލަށް ދީފައިވާ ބާރުތައް އަތުލުމަށްފަހު މި ވެރިކަމުގައި އެ ބާރުތައް ކައުންސިލަށް އަލުން ލިބިގެން ދިއުމާއެކު ވަރަށް ގިނަ ބަދަލުތައް ފެންނާނެ ކަމަށް އައުމީދު ކުރެވުނެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އައި އިރުވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ވެސް ފުރިހަމައަށް ހޯދައިދެވިފައިނުވާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި އަޅާ ބަލާއިރު ހުޅުމީދޫ އަކީ ސިޓީ ކައުންސިލުންވެސް އެންމެ އަޅާނުލެވި ދޫކޮށްލާފައިވާ ދެ އަވަށް ކަމަށް ޚުދު އެ ދެ އަވަށުގެ ކައުންސިލަރުން ވެސް ބުނެއެވެ. ސިއްހީ ފަރުވާ އިން ފެށިގެން ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް މި ދެ ރަށުގެ ރައްޔަތުން ސަލާން ޖަހަމުން އަންނައިރު އަބަދުވެސް މި ކަންތައްތަކަށް އެދެވޭ ހައްލެއް ލިބިފައިނެތީ ސިޓީ ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ނުލިބިގެން ކަމުގައި ބުނާ އަޑުއިވެއެވެ. ވެލި މަގަށް ފަސްކޮޅެއް އަޅާ އެއްވަރުކޮށްލަން ވިޔަސް ސިޓީ ކައުންސިލުން ހުއްދަ ނަގަންޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކާ އަޑުއިވެއެވެ. މި ދެ އަވަށުގައި ކަމެއް ކުރަން ކައުންސިލްގެ މެޖޯރިޓީ ނުލިބޭ ވާހަކައަކީ އެއްވެސް މީހަކަށް އާ ވާހަކައެއް ނޫނެވެ. އެކަމަކު ހިތަށް އަރައެވެ. މީ މިކަން ހަމަ އޮންނަ ޖެހޭ އުސޫލު ހެއްޔެވެ؟ ނޫނީ މީ ކައުންސިލަރުން ޒިނއމާތަކުން ބޯދަމައިގަންނަން ދައްކާ ބަހަނާއެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ ބަހަނާއެއް ނޫނެވެ. މި ދެރަށުގައި ދިރިއުޅުއްވާ މި ދެރަށުގެ ކައުންސިލަރުންނާއި ސަރުކާރުގެ އިސް ވެރިންނަކީވެސް އާންމު ރައްޔަތުން އުފުލާ ތަކުލީފުތައް އުފުލަންޖެހޭ މީހުންނެވެ. އެހެންކަމުން މި މައްސަލަތައް ހައްލު ކުރުމަށް އެ ބޭފުޅުންވެސް މަސައްކަތްކުރައްވާނެ ނޫންތޯއެވެ.

No description available.
ފޮޓޯ: އޭއޯ ނިއުސް

ތިރީގައިވާ ފޮޓޯއިން ފެނިގެން މި ދަނީ ހުޅުދޫ މީދޫ ގައި ތައުލީމު ހާސިލްކުރަމުން ދާ ކުދިން ސްކޫލަށް ދިއުމަށް ބޭނުންކުރާ މަގެވެ، އެއް ސެޝަނަށް ކިޔަވައިދެމުން އަންނަ ސ.އަތޮޅު މަދަރަސާގައި ތައުލީމު ހާސިލްކުރަމުންދާ ގިނަ ކުދިން ބޭނުންކުރަމުންދާ މި މަގުގެ ހާލަތު ނުފެންނާނެ އެއްވެސް ފަރާތެއް ހުންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ވާރޭވެހިއްޖެނަމަ މުޅި މަގުގައި ބޮޑެތި ފެންގަނޑުތައް ހެދިފައިވާއިރު، ސްކޫލް ގޭޓާއި ހަމައަށް ދެވެނީ އަޑިނޭގޭ އެތައް ފެންގަނޑުތަކެއް ހުރަސްކުރުމަށްފަހުއެވެ. މި ފެންގަޑުތަކުން ސަލާމަތްވެ ރައްކާތެރިކަމާއެކު ދަރިވަރު ސްކޫލު ގޭޓުން އެތެރެއަށް ވެއްދުމަށްޓަކައި ބެލެނެވެރިން އެތައް ތަކުލީފެއް އުފުއްލަމުންދާ އިރު މި މަގަށް ވަދެވެން އޮންނަ މަގުތަކުގެ ހާލު އަދި މިއަށްވުރެ މާ ދެރައެވެ.

No description available.
ފޮޓޯ: އޭއޯ ނިއުސް

މީ ރަށުގެ ގިނަ މަގުތަކުގެ ހާލެވެ. ބަހާއުއްދީން މަގުގައި ތާރު އެޅުމަށްފަހު ރަށުގެ ފަސް އެޅި މަގުތައް މިވަނީ އަޅާ ނުލާ ދޫކޮށްލާފައެވެ. ހީވާކަހަލައެވެ. ދެން އެންމެން ބޭނުންކުރަނީ ތާރުމަގެވެ. ފަސްއެޅި މަގުތަކުން ދުއްވާނެ ބަޔަކު ނެތެވެ. އެކަމަކު ހަގީގަތަކީ އެންމެ މަގެއްގައި ތާރު އަޅައިގެން ސަނާ ކިޔަން ތިބެވެން ނެތް ކަމެވެ، ފަސް އެޅި މަގުތަކަށް ބޭނުންވާނެ ފަސް ނެތްކަމަށް ބުނެ ބަހަނާ ދެއްކުމުގެ ބަދަލުގައި ބޮޑު އަގުގައި ފަސް ވިއްކުން ހުއްޓާލުމަށްފަހު މި މަގުތައްވެސް ރަގަޅު ފެންވަރަކަށް ފަސް އަޅާ އެއްވަރުކޮށް ބޭނުން ކުރެވޭ ގޮތް ހަދަންޖެހޭ ކަމެވެ. މި މަގުތަކަށް އަޅާނުލެވި ދޫކޮށްލުމުގެ ސަބަބުން މަގުތައް ބޭނުންކުރާ ރައްޔަތުންގެ މުދަލާއި ފުރާނައަށް ނުރައްކާވާފަދަ އެތައް ހާދިސާތަކެއް ހިނގާފައިވާއިރު މިކަންކަން ހައްލުކޮށްދޭންޖެހެނީ ރައްޔަތުން ސޯޝަލް މީޑިއާގައި ލިޔެ ފާޑުކިޔަން ފެށުމުނެއް ނޫނެވެ. ހަމަ ޔަގީނުންވެސް ރަށުގެ ހާލަތު ރަށުގައި ދިރިއުޅުއްވާ އިސްވެރިންނަށް ނުފެންނަ ނަމަ، ވޯޓު ދިނުމަށްފަހު އެކި މަގާމުތަކަށް ވެރިން އިންތިހާބުކުރުމުގެ ބޭނުމެއް ނެތްތާއެވެ.