English Edition
Dhivehi Edition

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ރަޖިސްޓްރީ ކުރި މީހުންގެެ އަދަދު 20،000 އަށް ވުރެ ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ޚާއްޞަ ކޮށްގެން ވަނީ ޕޯޓަލް އެއް ހުޅުވާފައެވެ. އަދި މިހާތަނަށް ޕޯޓަލް މެދުވެރިކޮށް 20،848 މީހުން ވެކްސިން ޖަހަން ރަޖިސްޓަރީ ވެފައިވާ ކަމަށް އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ.

ކޮވިޑް-19 ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީވުމަށް ހުޅުވާލީ ސިއްހީ ހިދުމަތްތެރިންނަށާއި ސޯޝަލް ކެއާ ވޯކަރުންނަށެވެ. ޕޯޓަލްގައި ރަޖިސްޓަރީ ވާ މީހުން ދިރިއުޅޭ ތަނާއި ސިއްހީ ހާލަތާ ބެހޭ މައުލޫމާތު އެޗްޕީއޭ އިން ހޯދާނެ އެވެ. އެ މައުލޫމާތުތައް ބޭނުންކޮށްގެން، ވެކްސިން ދިނުމުގެ ތަރުތީބެއް ކަނޑައަޅާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ. ވެކްސިން ޖެހުމުގެ އެޕޮއިންޓްމަންޓާއި ވެކްސިން ޖެހިކަމުގެ ޑޮކިއުމަންޓުތައް ވެސް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި، އުމުރުން 16 އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންނަށް ކޮވިޑް ވެކްސިން ނުޖަހާނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ރާއްޖެ އަށް ވެކްސިން ގެނައީ އަވަށްޓެރި އިންޑިއާ އިންނެވެ. އިންޑިއާ އިން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ. ސަރުކާރުން ބުނެފައި ވަނީ އެއީ 50،000 މީހުންގެ ގަޔަށް ޖެހޭ ވަރުގެ އަދަދެއް ކަމަށެވެ.

މި ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ.