English Edition
Dhivehi Edition
ކޯޑިންގ އަދި އާރޑީނޯ ދަސްކޮށްދޭ ކޯހެއް އަނެއްކާވެސް އައްޑޫސިޓީގައި ބޭއްވުމަށް ނިންމައި، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހިތަދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކޭ-12 ކޯޑް އާއި ޙިރާ ސްކޫލް އިން ގުޅިގެން އިންތިޒާމްކުރާ މި ކޯހުގައި، އާރޑީނޯގެ އެހީގައި ކޮމްޕިޔުޓަރުން ޕްރޮގްރާމް ކުރަން ދަސްކޮށްދިނުމާއި އާރޑީނޯ ބޭނުންކޮށްގެން ތަފާތު އެކި ޕްރޮޖެކްޓްތައް ހަދަން ދަސްކޮށްދިނުން ހިމެނެއެވެ.
ދެމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގެ ފީ އަކީ -/2990 ރުފިޔާއެވެ. މިކޯހުގެ ކޮންމެ ބައިވެރިޔަކަށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހިމެނޭ އާރޑީނޯ ކިޓެއް ފޯރުކޮށްދެވޭނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.
މި ކޯހުގެ ފުރަތަމަ ބެޗް މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައި ވާ އިރު މިފަހަރުގެ ކޯހަށްވެސް ބޮޑު ތަރުޙީބެއް ލިބިގެންދާނެކަމަށް ކޯސް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
އާރޑީނޯ އަކީ އިލެކްޓްރޯނިކްސް ޕްރޮޓޯޓައިޕް ކުރުމާއި އުފެއްދުމަށް ބޭނުންކުރާ މައިކްރޯކޮމްޕިއުޓަރ އެކެވެ. އާރޑީނޯގެ އެހީގައި ގޭގައި ބޭނުންކުރާ ބޮކިތަކާއި، ޓީވީ އަދި އޭސީ ފަދަ ތަކެތި ފޯނުން ކޮންޓްރޯލް ކުރުމާއި، ގޭގައި ބޭނުން ކުރެވޭނެ ސެކިއުރިޓީ އެލާމް ސިސްޓަމެއް އުފައްދައި ބެލެހެއްޓުން ފަދަ ކަންކަމާއި، ހައިޑްރޯފޯނިކްސް އާއި އިންކިއުބޭޓަރ ފަދަ ތަކެތި ފަސޭހަކަމާއެކު ހަދާލެވިދާނެއެވެ. ކޯހުގައި ބައިވެރިވުމަށް ނަންނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި، ބައިވެރިވުމަށް 9810500 އަދި 7335433، އަށް ފޯނުކޮށްގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.