ދިވެހި ރުފިޔާގައި ބޭނުންކުރަން ހާއްސަ ނިޝާނެއް ފަރުމާކުރާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާންކޮށްފިއެވެ.
އެމް.އެމް.އޭ އިން ވިދާޅުވި ގޮތުގައި މިމުބާރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20000ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 21 ފެބުރުއަރީ ކަމަށެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލް ކަމަށާއި ފަރުމާކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންޖެހޭނެއެވެ. މިއީ ރާއްޖޭގެ ފަރުމާކުރުންތެރިންނަށް ހުޅުވާލި މުހިންމު ފުރުސަތެކެވެ.
Currency Symbol Designing Competition – A historic opportunity to design the symbol to be used for Maldivian Rufiyaa.
RFP: https://t.co/mbGABlpMOj pic.twitter.com/mXf705h7cl— MMA (@MMA_Maldives) January 24, 2021
މިނިޝާނަކީ ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ. މިފަދަ ނިޝާން ދުނިޔޭގެ އެހެން ގައުމުތަކުގެ ފައިސާތަކުގައިވެސް ބޭނުންކުރެއެވެ. ރާއްޖޭގެ ފައިސާތަކުގައިވެސް މިފަދަ ތާރީޚީ ނިޝާނެއް ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވިފައިވާއިރު ހުށަހެޅޭ ކޮންމެ ޕްރޮޕޯސަލެއް އިންސާފްކުރުމައި ފަޑިޔާރުން ވަރަށް ގިނަ ކަންތައްތަކަށް ބަލާނެއެވެ. އޭގެތެރޭގައި ފަރުމާކޮށްފައިވާ ޑިޒައިނުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭ މިންވަރާއި، ތަފާތު ފޮންޓްތަކާއި ފޮންޓް ސްޓައިލްތަކާ އެކު ނިޝާން ބޭނުންކުރުމަށް އެކަށީގެންވާ މިންވަރު ނަންބަރުތަކާއި ލިޔުމުގައި ބޭނުންކުރާ އެހެނިހެން ކެރެކްޓަރތަކާ އެކު ބޭނުންކުރުމަށް އެކަށީގެންވާ މިންވަރާއި އެހެން ޤައުމުތަކުގެ ފައިސާގެ ނިޝާންތަކުގައި ބޭނުންކޮށްފައިވާ ހަމަތަކަށް ފެތޭ މިންވަރަށް ރިއާޔަތްކުރެވޭނެއެވެ.
މި ނިޝާން ފަރުމާ ކުރުމަށް ޝައުގުވެރިވާ ދިވެހި ހުރިހާ ރައްޔިތުންނަށް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.