English Edition
Dhivehi Edition

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލް އެހެން ބިމެއްގައި އަލުން އިމާރާތްކުރުމަށް ނިންމައިފިއެވެ.

މިނިސްޓރ އޮފް ހެލްތު އަޙުމަދު ނަސީމް ގެ ޙާއްސަ ދައުވަތަކަށް މާލެ ވަަޑައިގެން މިއަދު ބޭއްވި ރަސްމީ ބައްދަލު ވުމަށްފަހު ސޯޝަލް މީޑިއާގައި މިކަން ހާމަ ކުރައްވަވަމުން ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޝަރީފް އަހުމަދު ވިދާޅުވީ މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އާ އަތޮޅު ހޮސްޕިޓަލެއް އަންނަ އަރުގެ ބަޖެޓުގައި ހިމަނައި އޭގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ ނަސީމް ދެއްވާފައިވާ ކަމަށެވެ. އަދި އަލަށް އިމާރާތްކުރާ އަތޮޅު ހޮސްޕިޓަލު އެޅުމަށްޓަކައި އަަލަށް އާބާދުވި ހައުސިންގ ޔުނިޓް ސަރަހައްދުގެ ހުޅަގުން އޮތް 191880 އަކަފޫޓުގެ ބިން ޚާއްސަ ކުރުމަށް ވިލިނގިލީ ކައުންސިލާއި މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ޝަރީފް ވިދާޅިވިއެވެ.

އަލަށް އިމާތާތްކުރާ ހޮސްޕިޓަލާއި އެކީ ވަރަށްގިނަ ކުރިއެރުން އަންނާނެ ކަމާއި، އެ ހޮސްޕިޓަލްއިން ޑައިލަސިސް، ކުޑަކުދިންގެ ޙާއްސަ ކުލިނިކް، ބުލަޑް ބޭންކު، މާބަނޑު މީހުންގެ ކުލިނިކް އަދި ޒަމާނީ ފެންވަރުގެ އައިސީޔޫ އަދި އެހެނިހެން މުހިންމު ޚިދުމަތްތަށް ލިބިގެން ދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އަލަށް އިމާރާތް ކުރެވިގެންދާ ހޮސްޕިޓަލް އާ ބަނދަރާއި ކައިރިވުމުން އަތޮޅުތެރެއިން އަންނަ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިހާރު ޚިދުމަތް ދެމުންއަންނަ އަތޮޅު ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަންވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެއިމާރާތުގެ ބޮޑުބައި ކޮވިޑް ފެސިލިޓީއަށް ބޭނުން ކުރަން ޖެހުމުން ފިޒިއޮތެރަޕީ، ޕަބްލިކް ހެލްތު ޔުނިޓް އަދި އިދާރީ އޮފީސް ވަނީ ވަގުތީގޮތުން ކުލީ އިމާރާތަކަށް ބަދަލް ކޮށްފައެވެ. އަދި ކޮވިޑް ފެސިލިޓީ ގާއިމްކުރުމާއި އެކީ ހޮސްޕިޓަލްގެ ބާ އިމާރާތުން ގިނަ ހިދުމަތްތައް ދޭންޖެހުމުން ގިނަ އުދަގޫތަކާވަނީ ކުރިމަތިލާން ޖެހިފައެވެ.

މި އެޅިގެންދާ އާ ހޮސްޕިޓަލާއި އެކު ގއ. އަތޮޅުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް އެއްކޮށް ހައްލުވެ ހިދުމަތުގެ ފެންވަރު ރަގަޅުވެގެން ދާނެކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.