ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) ގައި މިހާރު ބޭނުންކުރާ ލޯގޯއާއި ކުލަ ބޭނުންކުރާތާ 11 އަހަރު ފަހުން ކުލައާއި ލޯގޯ ބަދަލުކޮށްފިއެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނީގެ ގޮތުގައި އޮތް ދިރާގުން މިހާތަނަށް އެކުންފުނީގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުންކުރަމުން އައީ ރަތްކުލައެވެ. މިހާރު އެކުލަ އޮރެންޖުކުލައަށް ބަދަލުކޮށްފައިވާއިރު، ޓަޗް ނުވަތަ އަތްތިލަ ރަމްޒްކޮށްދޭ ދިރާގުގެ ލޯގޯއަށްވެސް ބަނީ ބަދަލުތަކެއް ގެނެސްފައެވެ. އަލަށް ލޯގޯއަށް ގެނެސްފައިވާ ބަދަލަކީ ކުދިންވެސް ބޭނުން ކުރަމުން ގެންދިޔަ އަތް ތިލައިގެ މެދުން ރަމްޒުކޮށްދޭ ކެޕިޓަލް ޑީ އަކުރު، ޝަހާދަތް އިނގިލިން ރަމްޒުކޮށްދޭ ސިމްޕަލް ޑީ އަކުރަކަށް ބަދަލު ކުރުމާއި، ދިރާގުގެ ނަން އަޅާފައިވާ ފޮންޓް ބަދަލު ކުރުމެވެ. ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ގެ ނަމުގައި މިކުންފުނި އުފެދުނުއިރު، ބޭނުންކުރަމުންއައީ، މުޅިން އެހެން ލޯގޯއެކެވެ. ދުނިޔެ ރަމްޒުކޮށްދޭގޮތަށް ފަރުމާކޮށްފައިވާ މި ލޯގޯއާއެކު އޭރު ދިރާގުގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުންކުރީ ނޫ ކުލައެވެ. ނޫކުލަ ރަތްކުލައަށް ބަދަލުކޮށް ދިރާގުގެ ލޯގޯ ފުރަތަމަ ފަހަރަށް ބަދަލުކުރީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވނަދުވަހުއެވެ. މިފަހަރު މިއައި ބަދަލާއެކި މިއީ ދިރާގު އުފެދުނު ފަހުން ދިރާގުގެ ކުލައާއި ލޯގޯއަށް ބަދަލު އައި ދެވަނަ ފަހަރެވެ.އޮރެންޖު ކުލައާއެކު ދިރާގުގެ ސްލޯގަން ވެސް ވަނީ “ޓޭކް އޮން ޓްމޯރޯ”އަށް ބަދަލުކޮށްފައެވެ. މިހާރު ދިރާގުގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުގައިވެސް ވަނީ އާ ލޯގޯއާއި ކުލަ ހިމަނާފައެވެ. މިރޭ ދިރާގުން އެކުންފުނީގެ ކުލައާއި ލޯގޯ ބަދަލުކުރިއިރު، ވޭތުވެދި ހަފްތާގެތެރޭގައިވަނީ މިކަަމަށްޓަކައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ލޯގޯއާއި ރަތް ކުލަ ދިރާގުން ބޭނުން ކުރަމުން ގެންދާތާ މިހާރު 11 އަހަރާއި 11 މަސްވަނީ ވެފައެވެ.