މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މި އަހަރު ދޫކުރާ ލޯނު ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، ހާއްސަ ޖާގަ ދިނުމަށް ހަޔާއެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.
އެމިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަތީ ތައުލީމު ހާސިލްކުރާ ފަރާތްތަކަށް ހަޔާއެޑިއުކޭޝަނުން ދޫކުރާ ލޯން މިއަހަރު ހާއްސަކޮށް ޖާގަ ދޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މި އަހަރު ދޫކުރާ ލޯނުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޖާގަ ދިނުމަށް މި މިނިސްޓްރީއިންވަނީ ނިންމާފައެވެ.
— Ministry of Higher Education (@MoHEmv) January 21, 2021
އެހެންނަމަވެސް ދޭނީ ކިތައް ފުރުސަތުކަން އަންގާފައި ނުވެއެވެ. ވަރަށް އަވަހަށް ލޯނަށް ހުޅުވާލާނެ ކަމަށާއި، ލޯނަށް ހުޅުވާލުމުގެ ކުރިން އެ ތަފްސީލުތައް ހާމަކުރާނެ ކަމަށް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތުދީފައިވެއެވެ.
ހަޔާ އެޑިއުކޭޝަނުން ވަނީ އެ ކެޓެގަރީއިން ލޯނަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ޖެންޑާ މިނިސްޓްރީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން ކަށަވަރުކުރުމަށް އަންގައިފަ އެވެ.
ވީމާ މި ކެޓެގަރީއިން ލޯނަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން ކަށަވަރުކުރުމަށް ދަންނަވަމެވެ.
— Ministry of Higher Education (@MoHEmv) January 21, 2021
ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭން މިދިޔަ އަހަރު ފެށުނު ފަހުން، އޭގެ ދަށުން މިހާތަނަށް 7800 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު މިވަނީ ލިބިފައެވެ. މި އަހަރުގެ ބަޖެޓުގައި މަތީ ތައުލީމުގެ އެކި ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ލޯނު ސްކީމާއި ސްކޮލަޝިޕް އަދި ހިލޭ ކިޔެވުމަށް 551 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.