English Edition
Dhivehi Edition

ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2021 ވަނަ އަހަރަށް ފާސް ކުރި ބޮޑު ބަޖެޓާއި އެކު އެ އަތޮޅަށް އާ އުންމީދުތަކެއް ލިބިގެން ގޮސްފިއެވެ.

އަތޮޅު ކައުންސިލްގެ ފޭސް ބުކް ފޭޖުގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގއ. އަަތޮޅު ކައުންސިލުން 2021 އަށް ދައުލަތުން ދޭ ބުލޮކް ގްރާންޓް 7،127،262،00 އާއި ކައުންސިލްގެ އާމްދަނީ އަދި އެކި އެކި ފަރާތްތަކުގެ ސޮޕޮންސަރ ތަކާއި އެކު މުޅި ޖުމްލަ 19،537،350،00 ބަޖެޓް ފާސްކޮފައިވާ ކަމަށެވެ. .

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ރައިސް އަހްމަދު ފުއާދު ވިދާޅުވީ މިއީ އެހެން އަހަރު ތަކާ އަޅާ ބަލާއިރު ބޮޑު ބަޖެޓެއް ކަމަށް ދެެއްކިޔަސް 2020 ވަނަ އަހަރު ކޮވިޑް 19 އާއި ހެދި ނުކޮށް ދޫކޮށްލަން ޖެހުނު ކަންކަމާއި 2021 އަށް އަލަށް ޕްލޭން ކުރެވުނު ކަންކަމާއި އެކު މިއީ ބޮޑު ބަޖެޓެއް ކަމަށް ނުދެކޭ ކަމަށާއި އެހެނަސް މިއީ ލިބިގެން ދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ބަޖެޓް އާއި އެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން މައި ސަރުކާރަށް ބަރޯސާ ނުވެ ވެސް އަތޮޅަށް ތަރައްޤީ ގެނެވޭނެ ކަމުގެ އުންމީދު އާވެއްޖެކަމަށް ފުއާދު ވިދާޅުއެވެ.

މިއަދު މި ފާސްކުރި ބަޖެޓުގައި މައިގަނޑު 10 ބަޔަކަށް ބަޖެޓް ބަހާލެވިފައިވެއެވެ. އެއީ

( ސިއްޙީ ދާއިރާއަށް 125،000.00)

ތައުލީމީ ދާއިރާއަށް (890،000.00)

(ރަށްވެހި ތަރާއްޤީ 4،200،000.00)

(ތިމާވެއްޓާއި ހަކަތަ 1،150،000.00)

(އިޤްތިސާދު 3،375،000.00)

(އިސްލާމްދީން ކުރިއެރުވުމަށް 200،000.00)

(ވަސީލަތްތަކުގެ ބޭނުން ހިފުމަށް 780،000.00)

(ނަތީޖާ ހާސިލު ކުރުމަށް 680،000.00)

(ކުޅިވަރު 600،000.00)

(އާސާރީ އަދި ތާރީޚީ ތަރިކަ 850،000.00) އާއި މުސާރަޔާއި އޮފީސް ހިންގުމަށް (6،687،350.00) އެވެ.

2020 ވަނަ އަހަރުވެސް ގއ. އަތޮޅު ކައުންސިލުން ރައްވެހި ތަރައްޤީގެ ނަމުގައި ކޮންމެ ރަށަކަށް 2 ލައްކަ ރުފިޔާގެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިޔައެވެ. އެގޮތުން ގއ. ކަނޑުހުޅުދޫ ފެރީޓަރމިނަލް އާއި ވީއައިޕީ ލައުންޖް %99 މަސައްކަތް ވަނީ ނިމިފައިވާއިރު ގއ. ގެމަނަފުށީ ރަސްމީ ފާލަމުގެ ފުރަތަމަ ފިޔަވަހި ނިމި ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިގަތުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ގއ. ކޮނޑޭ ކުޑަކުދިންގެ ޕަރކް އަށް ބޭނުންވާ ތަކެތި ރާއްޖެ ގެނެސް ކޮނޑޭ އަށް ގެންދިއުމަށް ބޯޓަށް ވަނީ ލޯޑް ކުރެވިފައެވެ. އަދި ގއ. ދެއްވަދޫ އިންޑޯރ ޖިމް އަށް ބޭނުންވާ ސާމާނު ދެއްވަދޫ އަށް ގެންދިޔަ ނަމަވެސް އެރަށް ލޮކްޑައުން ވުމާއި ގުޅިގެން އިންސްޓޯލް ކުރުން ވަނީ މަޑުޖެހިފައެވެ. ހަމަ މިއާއެކު ގއ. މާމެންދޫ ބެލެެވެރިންގެ ހިޔާގެ %90 މަސައްކަތް ނިމުމާއި ގއ. ނިލަންދޫ މަލްޓި ޕާރޕޯސް ހޯލާއި، ގއ. ދާންދޫ ފަތާ ފެންގަނޑު ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށް ބިޑިންގ ޕްރޮސެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގއ. ވިލިނގިލި އަދި ކޮލަމާފުށީގައި ކުރިޔަށް ގެންދާނެ ޕްރޮޖެކްޓެއް ރަށު ކައުންސިލަށް ކަނޑަނޭޅޭތީ އަދި އޮތީ ކުރިޔަށް ނުގެންދެވިއެވެ.

އަތޮޅު ކައުންސިލަކީ އެހާ މުހިއްމު މުއައްސަސާ އަކަށް ނޫން ކަމަށް މީގެ ކުރިން ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް މި ޕްރޮޖެކްޓް ތަކާއި އެކު އަތޮޅު ތަރައްޤީގެ މުހިންމު ހިއްސާދާރެއް ކަމުގައި ގއ. އަތޮޅު ކައުންސިލް ވެގެން ހިނގައްޖެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހު ތަކާއި އެކު ކައުންސިލްތައް ބާރުވެރިވެ އަތޮޅު ސަރުކާރު އުފެދި ރައްޔިތުން ބޭނުންވާ ތަރައްޤީ ހާސިލު ކުރެވޭނެ ކަމުގެ ޔަޤީންކަން ވަނީ ބޮޑުވެފައެވެ.