English Edition
Dhivehi Edition

އިންޑިޔާއިން މިއަދު ރާއްޖެއަށް ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ވެކްސިން ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު އެއާ އިންޑިއާ ފްލައިޓުން އެއް ލައްކަ ޑޯޒްގެ ވެކްސިން ގެންނާނެ ކަމަށާއި، އެއީ އިންޑިއާ އިން ދޭ ހަދިޔާއެއް ކަމަށެވެ.

އޮކްސްފޯޑް އެސްޓްރަޒެނެކާގެ “ކޮވިޝީލްޑް” ވެކްސިންގެ 100،000 ޑޯޒް ވެކްސިން ހިފައިގެން މިއަދު މެންދުރު 02:00 ގައި އެއާ އިންޑިއާގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެއެވެ. މިކަންތައްތަކުގައި ދިވެހި ސަރުކާރުން ހޯދަންޖެހޭ ހުރިހާ ހުއްދައެއް މިހާރު ލިބިފައިވާ ކަމަށާއި ރާއްޖެއަށް ވެކްސިން ފޮނުވަނީ ފްރަންޓް ލައިން ވޯކަރުންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ވަރަށް ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

އެހީ ބޭނުންވާ ކޮންމެ ވަގުތަކު ރާއްޖެއަށް އިންޑިޔާގެ އެހީތެރިކަން ލިބޭކަން ފާހަގަކޮށް އެންމެ ބޮޑަށް ބަރޯސާ ވެވޭ އެކުވެރިޔަކީ އިންޑިއާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އިންޑިއާ ސަރުކާރަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ވެކްސިން ޖަހަން ފެށުމަށް މިހާރު އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޓްރެއިނިން ދިނުމުގެ މަސައްކަތް ރާއްޖޭގައި މިހާރު ވަނީ ފަށާފައެވެ. އެހެންނަމަވެސް ވެކްސިން ދޭން ފެށޭނެ ސީދާ ތާރީހެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ އިތުރުން ބޫޓާން، ބަންގްލަދޭޝް، ނޭޕާލް މިޔަންމާ އަދި ސީޝެލްސް އަށް ވެސް ވެކްސިންގެ ޝިޕްމަންޓްތައް ފޮނުވާނެ ކަމަށް އިންޑިޔާގެ ޚަބަރުތައް ފަތުރާ ވަސީލަތްތަކުން ވަނީ ހާމަކޮށްފައެވެ.