English Edition
Dhivehi Edition
މިސް ބެޓީ

އެމަޖެންސީ ރޫމްގެ ނަރުހެއްގެ ގޮތުގައި 50 އަހަރު މަސައްކަތް ކުރި އެމެރިކާގެ ރައްޔިތެއްކަމަށްވާ މިސް ބެޓީ ޢުމުރުން 79 އަހަރުގައި ކޮވިޑް ބަލީގައި ނިޔާވެއްޖެއެވެ. ޚިދުމަތުގައި އެހާ ގިނަ ދުވަހު މަސައްކަތް ކޮށްފައިވުމުންނާއި އަދި ޢުމުރު އެހާ މަތިވެފައިވުމުން ވަޒީފާއިން ” ރިޓަޔަރ ” ވުމަކީ އޭނާއަށް ޙައްގު އެއްޗަކަށް ވިޔަސް މިސް ބެޓީ އެގޮތެއް ޚިޔާރެއް ނުކުރެއެވެ. އަމިއްލަ ތަނަވަސް ކަމާއި މުދާވެރިކަން އޮވެމެ އުފަލާއި އަރާމުގައި ގޭގައި ހުންނަން ލިބުނު ފުރުސަތު ނަގާލާ ބަލިމީހުންނަށް އެހީވުމަށް މިސްބެޓީ ނިކުތް ނިކުތުން އެއީ އޭނާ ދަންނަ މީހުންނަށް އާ ޚަބަރަކަށް ނުވިއެވެ.

ސަބަބަކީ އޯގާތެރިކަމާއި ލޯތްބާއި ކުލުނާއިއެކު މީހުންނަށް އަޅާލުމަކީ މިސްބެޓީގެ ހުރިހާ އުފަލެއް ގުޅި ލާމެހިފައިވާ ކަންކަމުގައިވާތީއެވެ. އެމެރިކާގެ އަލަބާމާ ކޫސާ ވޭލީ މެޑިކަލް ސެންޓަރުގައި މަސައްކަތްކުރި މިސްބެޓީގެ ފިރިހެން ދަރިފުޅު އޭނާގެ މަންމަ ސިފަ ކުރީ އެހެންމީހުންނަށް ޓަކައި ގުރުބާންވާ މީހެއްގެ ގޮތުގައެވެ.

” ކޮންމެ ދުވަހަކުވެސް މަންމަ ބަލާނެ މަންމައާއި އެކުގައި މަސައްކަތް ކުރާ އެންމެން ތިބީ ކައިގެންތޯ.އެކުގައި މަސައްކަތް ކުރި މީހުންނާއި އަމިއްލަ އުފަން ދަރިންނަށް އަޅާލުންދޭ ފަދައިން ބަލިމީހުންނަށް ވެސް މަންމަ އަޅާލާ. ”

އެންމެންގެ ” ފޭވަރިޓް” ނާރސް ގެ ޝަރަފް ދީފައިވާ މިސްބެޓީގެ ވަކިވެ ދިއުމަކީ އެހޮސްޕިޓަލަށާއި ބަލިމީހުންނަށް އަދި ޢާއިލާއަށް ލިބުނު ފޫނުބެއްދޭވަރުގެ ދެރައެކެވެ.

ޑިސެންބަރ މަހު ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނިކޮށް ބެޓީ ނިޔާވީ ޖެނުއަރީ 10 ވަނަ ދުވަހުއެވެ. އެއީ އޭނާގެ 79 ވަނަ އުފަންދުވަސް އަންނަންވެސް 1 ދުވަހަށް ވެފައި ވަނިކޮށެވެ. ޙަޔާތުގެ ބޮޑުބައި މީހުންނަށް އެހީވުމުގައި ހޭދަ ކުރި ހޮސްޕިޓަލުގެ އެނދުގައި އޮވެ މިސްބެޓީ މި ދުނިޔެއަށް އަލްވަދާޢު ކިއަސް އޭނާގެ ހެޔޮކަމުގެ ހަނދާންތައް އަބަދުވެސް ދެމި ހުންނާނެއެވެ.