English Edition
Dhivehi Edition
މުބާރާތުގެ ގުރުނެގުމުގެ ތެރެއިން/ ފޮޓޯ އައްޑޫސިޓީ ކައުންސިލް

އައްޑޫގެ އަވަށް ތަކުން ޓީމްތައް ވާދަކުރާ ފޯރިގަދަ އައްޑޫ ފުޓްބޯޅަ ޗެމްޕިއަން ޝިޕް 2020 ގެ ގުރުލުން އަންގާރަދުވަހުގެ ރޭ ބާއްވައިފިއެވެ. އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަންނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު، ޝަރަފްވެރި ކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤުއެވެ.

އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި އޮތް މި ރަސްމިއްޔާތުގައި ވަނީ މި މުބާރާތުގައި ވާދަކުރާ ހަތް ޓީމުގެ މެދުގައި ގުރު ނަގާފައެވެ . ޖުމްލަ 2 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ގްރޫޕް އޭ ގައި ހިމެނެނީ އެފްސީ ބޭރުމަތި،އެފްސީ އަފިރިން، އެފްސީ ޒެފިއަރ އަދި ފާހި ސްޕޯޓްސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ފޭދޫ ސްޕޯޓްސް އާއި މަރަދޫ އެފްސީ އާއި މެދުވަލު އެފްސީއެވެ.

ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯއައްޑޫ ސިޓީ ކައުންސިލް

މުބާރާތުގެ ފުރަތަމަ 2 މެޗްގައި ވާދަކުރާނީ ގްރޫޕް އޭގެ 4 ޓީމެވެ. ޕޮއިންޓް ސިސްޓަމަށް ކުޅޭ މިމުބާރާތުގެ ސެމީފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ 4 ޓީމެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖުމްލަ 12 މެޗް ކުޅޭނެއެވެ.

ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯއައްޑޫ ސިޓީ ކައުންސިލް

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް ހުޅުވުން އޮންނާނީ 23 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހުއެވެ. މިއީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކުރާ މިފަދަ ދެވަނަ މުބާރާތެވެ. 2019 ގައި ބޭއްވި ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ މިފަހަރުގެ މުބާރާތުގެ ގްރޫޕް އޭގައިވެސް ވާދަކުރާ އެފްސީ ބޭރުމަތި ޓީމެވެ. މިމުބާރާތް ކުރިއަށްދާނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.