English Edition
Dhivehi Edition

އައްޑޫ ސިޓީ ސަރަހައްދަކީ ސަފާރީ ޔޮޓްފަހަރުގެ ވިޔަފާރި ފުޅާކުރުމަށް ވަރަށްރަނގަޅު ސަރަޙައްދެއްކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އިންތިޒާމްކުރާ މެރިން އެކްސްޕޯ ދެހާސް ސަތާރަ ރަސްމީކޮށް ލޯންޗްކުރުމަށް ރިޓެލާ ސަފާރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް ސަފާރީ ޔޮޓްފަހަރުގެ ވިޔަފާރި ފުޅާކުރަން ޖެހޭކަމަށާއި އަދި ވަކިން ހާއްސަ ގޮތެއްގައި އައްޑޫ ސިޓީ ސަރަހައްދަކީ ސަފާރީ ޔޮޓްފަހަރުގެ ވިޔަފާރި ފުޅާކުރުމަށް ވަރަށްރަނގަޅު ސަރަޙައްދެއްކަމަށެވެ. ސަފާރީ ޔޮޓްފަހަރުގެ ވިޔަފާރި ފުޅާކުރެއްވުމަށް މިހާރުވެސް ވަރަށް ރަނގަޅު ސަރަހައްދުތައް އެބަހުރިކަމަށާއި މިގޮތުން މި ވިޔަފާރި ފުޅާކުރެއްވުމަށް ރާއްޖޭގެ އެއަރޕޯޓްތައް ހުރި ސަރަހައްދުތައް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުއާއިއެކު ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީ އިތުރުވެގެންދާގޮތަށް ސަފާރީތަކުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މުހިއްމުކަން ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މޯލްޑިވްސް މެރިން އެކްސްޕޯ އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނުވައަކުން އެގާރައަށް ދަރުބާރުގޭގައެވެ.