ގއ. ގެމަނަގުށީގައި މިއަދު ގިނަ އަދަދެއްގެ ރެންޑަމް ސާންޕަލްތަކެއް މިއަދު ނަގައިފިއެވެ.
ގެމަނަފުށީ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ މުޙައްމަދު އިމްރާން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮވިޑް -19 އަށް ރެންޑަމް ސާންޕަލްގެ ގޮތުގައި 63 ފަރާތެއްގެ ސާމްޕަލް މިއަދު ނަގާފައިވާ ކަމަށެވެ. އިމްރާން ވިދާޅުވީ ގއ. ގެ ރަށްތަކުގައި ކޮވިޑް ފެތުރެމުން ދިއުމާއި ގުޅިގެން ގެމަނަފުށީން މިހާތަނަށް ނަގާފައިވާ ކޮވިޑްގެ އެއްވެސް ސާންޕަލެއް ފައްސިވެފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ގިނަގިނައިން އަތް ދޮވުމަށާއި މީހުންނާއި ބައްދަލުކުރުމުގައި އަބަދުވެސް ތިންފޫޓުގެ ދުރުމިނެއް ބެހެއްޓުމަށާއި މީހުން ގިނައިން މީހުން އެއްވާ ތަންތަނަށް ދާއިރު މާސްކު އެޅުމަށް ގެމަނަފުށީގެ ރައްޔިތުންގެ ކިބައިން އެދޭކަމަށެވެ.
“ގެމަނަފުށީގެ ރައްޔިތުންގެ ސަލާމަތްތެރިކަމަށް މަސައްކަތް ކުރުމުގައި ގެމަނަފުށީ ސިއްޙީ މަރުކަޒުން ފަހަށް ނުޖެހޭނޭ . ގެމަނަފުށީގެ ރައްޔިތުންވެސް މިހާލަތުގައި އެޗްއޯއީސީ އިން އަންގާ ކަންތައްތަކައް ބޯލަނބައި އެ މިންގަނޑުތަކަށް ކަންތައްތައް ކުރުމަށް އެދެން” އިމްރާން ވިދާޅުވިއެވެ.
ދެއްވަދޫ ކްލަސްޓާ އާއި ގުޅުން ހުރި ކޭސްތައް އެ އަތޮޅުގެ އެކި ރަށް ރަށުން ފެންނަމުން ދިއުމާގުޅިގެން ހުވަދު އަތޮޅުގެ ގިނަ ގިނަ ރަށްތަކުން މިވަގުތު ދަނީ ކޮވިޑް-19 އަށް ރެންޑަމް ސާންޕަލް ނަގަމުންނެވެ.