English Edition
Dhivehi Edition
އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުގެ ކުޅުންތެރިން ޓްރޮފީއާއެކު އުފާ ފާޅުކުރަނީ. --ފޮޓޯ: އައިސީސީ ޓުވިޓާ

މިހާރު ކުރިއަށްދާ އައިސީސީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގައި އޮސްޓްރޭލިއާގެ މައްޗަށް ތިން ވިކެޓުން ހޯދީ މޮޅާއެކު އިންޑިއާ އިން ހަތަރު މެޗުގެ ޓެސްޓް ސީރީޒް 2-1 އިން ކާމިޔާބުކޮށްފިއެވެ.

މިއާއެކު، އިންޑިއާ ވަނީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. މި މެޗުން ބަލިވި އޮސްޓްރޭލިއާ އޮތީ ތާވަލްގެ ތިންވަނައިގައެވެ.

އިންޑިއާ އިން އޮސްޓްރޭލިއާގައި ކުޅުނު ޓެސްޓް ސީރީޒްގެ ފުރަތަމަ ތިން މެޗުގެ ތެރެއިން ކޮންމެ ޓީމެއް ވެސް އެއް މެޗު ކާމިޔާބުކުރިއިރު، އަނެއް މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން މި ޓެސްޓް ސީރީޒްގެ ހަތަރުވަނަ މެޗު ކާމިޔާބުކުރުމަށް ދެ ޓީމުން ވެސް ތިބީ ކެތް މަދުވެފައެވެ.

އޮސްޓްރޭލިއާގެ ބްރިސްބަންގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ކުޅެން އަރައި 115.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 369 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 108 ލަނޑުހެދި މާނަސް ލަބުޝާން އެވެ. މި އިނިންގްސްގައި އިންޑިއާގެ ތަންގަރަސޫ ނަތަރަޖާން އާއި ޝަރްދުލް ޓާކުރް އަދި ވޮޝިންޓަން ސުންދަރް ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.

އިންޑިއާގެ ވިކެޓްކީޕަރު ބެޓްސްމަން ރިޝަބް ޕަންތް ބެޓް ކުރަނީ. –ފޮޓޯ: ޓުވިޓާ

އިންޑިއާގެ ފުރަތަމަ އިނިންގްސްގައި 111.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 336 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނު ޝަރްދުލް ޓާކުރް 67 ލަނޑުހެދިއިރު، ވޮޝިންޓަން ސުންދަރް 62 ލަނޑު ހެދިއެވެ. އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކި ޖޯޝް ހޭޒަލްވުޑް ފަސް ވިކެޓްނެގިއެވެ.

އޮސްޓްރޭލިއާ އިން ދެވަނަ އިނިންގްސްގައި ކުޅެން އަރައި 75.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 294 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނު ސްޓީވެން ސްމިތު 55 ލަނޑުހެދިއިރު، ޑޭވިޑް ވޯނާ ނުބައިވީ 48 ލަނޑަށެވެ. މި އިނިންގްސްގައި އިންޑިއާގެ މުހައްމަދު ސިރާޖް ފަސް ވިކެޓްނެގިއެވެ.

ޖަވާބުގައި އިންޑިއާ އަށް މި މެޗު ކާމިޔާބުކުރުމަށް ހަދަންޖެހިފައިވާ 328 ލަނޑުގެ ޓާގެޓަށް ވާސިލްވީ، ބާކީ ތިން އޯވަރު އޮއްވާ ހަތް ކުޅުންތެރިން ނުބައިވެގެންނެވެ. މި އިނިންގްސްގައި އިންޑިއާ އަށް މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނު ވިކެޓްކީޕަރު ބެޓްސްމަން ރިޝަބް ޕަންތް އެވެ. ޕަންތް ނުބައިނުވެ 89 ލަނޑުހެދިއިރު، 91 ލަނޑުހެދި ޝުބްމަން ގިލް އާއި 56 ލަނޑުހެދި ޗެތޭޝްވަރު ޕުޖާރާގެ ކުޅުން ވެސް ފާހަގަކޮށްލެވެއެވެ. އޮސްޓްރޭލިއާ އިން މި އިނިންގްސްގައި އެންމެ ރަނގަޅަށް އުކި ޕެޓް ކަމިންސް ހަތަރު ވިކެޓްނެގިއެވެ. މި ޓެސްޓް ސީރީޒްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.