English Edition
Dhivehi Edition

ގއ.ގެމަނަފުށީ ބަނދަރަކީ އައްޑޫ އަދި ފުވައްމުލަކުން އެ އަތޮޅަށް ދާ ލޯންޗްފަހަރުތައް މަޑުކޮށްލާ ބަނދަރު ކަމަށާއި އަދި ގިނަ އަދަދެއްގެ މަސްދޯނިތައް މަޑުކުރަންޖެހޭ އެ ފަޅުގައި ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ގެމަނަފުށީ ކައުންސިލް ރައީސް އަބުދުﷲ ޝިޔާން ވިދާޅުވެއްޖެއެވެ.

100 ފޫޓް ދިގު 350 ފޫޓު ފުޅާ މިނުގައި 2016 ވަނަ އަހަރު ހަދާފައިވާ މި ބަނދަރުގެ މައްސަލާގައި ކަންބޮޑުވުންފާޅު ކުރައްވަވަމުން ޝިޔާން ވިދާޅުވީ ސަރުކާރުން މި ބަނދަރުގެ ޑިޒައިން ކުރިއިރު މިހާ އަވަސް މުސްތަގުބަލެއްގައި ބަނދަރުގެ ޖާގައިގެ ދަތިތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ސަރުކާރުންވެސް އުންމީދު ނުކުރާކަމަށެވެ.

ޝިޔާނު ވިދާޅުވީ ގެމަނަފުށްޓަކީ، ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގެ މަސްވެރިންނާއި، އައްޑޫ ފުވައްމުލަކުގެ ބޯޓުފަހަރާއި، މުދާ އުފުލާ ބޮޑެތި އުޅަނދުފަހަރު ގިނަ ޢަދަދަކަށް އަންނަ ރަށަކަށްވެފައި އަދި ގެމަނަފުށްޓަކީ ރާއްޖޭގެ އެންމެ މަސްދޯނިފަހަރު ގިނަރަށަށް ވުމާއެކު، ބަނދަރު ކުޑަވެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ. މީގެ އިތުރުން ގެމަނަފުށީގައި ގިނަ ޢަދަދެއްގެ ލޯންޗްފަރާއި، ޑިންގީފަހަރު ހުރުމަކީ ވެސް ގެމަނަފުށީގެ ފަޅުގެ ދަތިކަން ބޮޑުވެފައިވާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

” ރަށު ދޯނިފަހަރުގެ އިތުރުން ރަށުން ބޭރު ދޯނިފަހަރާއި ލޯންޗްފަހަރުވެސް މިރަށުގެ ބަނދަރުގެ ބޭނުން ހިފަންޖެހޭ. ނަމަވެސް އުޅަނދު ފަހަރު ގިނަ ވުމުގެ ސަބަބުން ފަޅުގެ ޖާގަ ފުރި، މިހާރު ހާލަތު ހުރިގޮތުން ގިނަ އުޅަނދުފަހަރަށް ގެމަނަފުށީ ފަޅަށް ވަދެވޭ ގޮތް މިވަނީ ނުވެފަ” ޝިޔާން ވިދާޅުވިއެވެ.

ބަނދަރުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ޝިޔާނު ވިދާޅުވީ، މިހާރު ރަށު އުޅަނދު ފަހަރަށް ވެސް ބަނދަރުން ޖާގަ ނުދެވޭ ކަމަށާއި، މިހާރު ހުންނަނީ 100 ފޫޓަށްވުރެ ވެސް ދިގު ބޮޑެތި މަސްދޯނި ފަހަރަށް ވުމުން ބަނދަރު އޮންނަނީ ފުރި ބާރުވެފައި ކަމަށެވެ. އަދި ގިނަ ދުވަސް ދުވަހު ބަނދަރުން ޖާގަ ނުލިބިގެން މުދާ އުފުލާ އުޅަނދު ފަހަރު މަޑުކޮށްގެން އެތައް އިރެއް ވަންދެން ކަނޑުގައި ތިބެންޖެހޭކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މިހުރިހާ ސަބަބު ތަކަކާއިހުރެ ވީ އެންމެ އަވަސް މުސްތަޤުބަލެއްގައި ގެމަނަފުށީ ބަނދަރުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.

ސަރުކާރުން ބަނދަރު ހެއްދެވި އިރު، މިރަށުގެ ބަނދަރު ބޭނުން ކުރަމުންދާ އުޅަނދުތަކުގެ ޢަދަދަށާއި، ސައިޒަށް ވިސްނިވަޑައިގެންފައި ނެތުމަކީ، މިއަދު މި އުނދަގޫ ފޯރާ އެއްސަބަބު ކަމަށާއި، ބަނދަރެއް ހެއްދެވުމުގައި ވިސްނަންވީ ޙާލަތަށް ކަމަށާއި، އާބާދީއަށް އެކަނި ނޫންކަމަށެވެ. “ކޮންމެ ބަނދަރެއް ވެސް ހައްދަވަންވީ ޑިމާންޑަށް ބައްލަވައިގެން. އޭރުން ޖާގަ ކުޑަވެގެން އުޅޭކަށް ނުޖެހޭނެ” ރައީސް ޝިޔާނު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރަށަށް ކުރެއްވި ޒިޔާރަތުގައި ބަނދަރު ބޮޑު ކޮށްދެއްވާނޭ ކަމުގެ އިޝާރާތެއް ކުރައްވާފައިވާތީ، އެ އުންމީދުގައި ރައްޔިތުން ތިބިކަމަށެވެ.

ގެމަނަފުށި ފާހަގަ ކުރެވިފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށް ގިނަ ބަޔަކު ދަތުރުކުރާ ހޮލިޑޭ ޑެސްޓިނޭޝަނަކަށް ވެފައެވެ. އެރަށަށް އެ އަތޮޅުގެ ރަށް ރަށުންނާއި އަދި ރާއްޖޭގެ އެކި ރަށް ރަށުން މީހުން އަންނަމުން ދާއިރު ބަނދަރުގެ ޖާގައިގެ ދަތިކަމަކީ ގިނަ ބަޔަކު އަބަދުވެސް ކުރާ ޝަކުވާއެކެވެ. ހަމަ އެއާއެކު ގެމަނަފުށްޓަކީ މަސްވެރި ރަށަކަށް ވެ ގިނަ މަސްދޯނިތަކަށް ވަނީ ފަޅާއި ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިލާން ޖެހިފައެވެ.

މިހާރު ގެމަނަފުށީގައި ހުރި ބަނދަރަކީ 2016 ވަނަ އަހަރު 1000ފޫޓުގެ ޖާގައާއި އެކު ހުޅުވި ބަނދަރެކެވެ.