ގއ. އަތޮޅު ދެއްވަދޫ ކްލަސްޓާ އާއި ގުޅުން ހުރި ގިނަ ކޭސްތަކެއް އެ އަތޮޅުގެ ގިނަ ރަށް ރަށުން ޕޮޒިޓިވް ވަމުން ދިއުމާއި ގުޅިގެން ގއ. ވިލިނގިލީގައި ދެވަނަ ފަހަރަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
ގއ. އަތޮޅު ފޯކަލް ޕޮއިންޓް އަދި ސީނިއަ ކޮމިޔުނިޓީ އޮފިސަރ އަސްމާ އަބްދުﷲ ވިދާޅުވީ ދެވަނަ ފަހަރަށް ވިލިނގިލީގައި ރެންޑަމް ސާމްޕަލް ނެގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ތައުލީމީ މަރުކަޒުން 2 ކުއްޖަކު ޕޮޒިޓިވް ވުމާއި ގުޅިގެން ރަށުގެ ހާލަތު ދެނެގަތުމަށް ޓަކައި ކަމަށެވެ.
ވިލިނގިލިން އެންމެ ފުރަތަމަ ކޮވިޑް ސާމްޕަލް ނަގައިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. އެއީ ދެއްވަދޫން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ނަމަވެސް އެ ހުރިހާ ސާމްޕަލެއްވަނީ ނެގެޓިވްވެފައެވެ.
މީގެ ދެ ދުވަސް ކުރިން ދެއްވަދޫ ކުލާސްޓަރ ކޮންޓެކްޓްއެއް ގއ.ދާންދޫއަށް ނިސްބަތްވާ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ހާސިލް ކުރަމުންދާ ގޮރޭޑް 12 ގެ ދަރިވަރެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޑައިރެކްޓް ކޮންޓެކްޓް އަކަށްވެ އެ ކުލާސްގެ އިތުރު ކުއްޖެއް ވަނީ ޕޮޒިޓިވްވެފައެވެ.
ގއ.އަތޮޅުގެ ރަށްތަކުގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނައިރު އެ އަތޮޅުގެ ދެއްވަދޫ، ވިލިނގިލި އަދި ދާންދޫ ވަނީ މޮނިޓެރިން ހާލަތަށް ގެނެސްފައެވެ.