English Edition
Dhivehi Edition

ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާއިން ފިޔޯރީގައި ބާއްވަމުން އަންނަ “ފޭސް އަލިގަދަ ތަރި ޤުރްއާން މުބާރާތް” ގައި ބައިވެރިވުމުގެ ފުރުސަތު، ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމުގެ މަޤްސަދުގައި، އެ ޖަމްއިއްޔާއިން ކޮންމެ އަހަރަކު ފިޔޯރީގައި ބާއްވަމުން އަންނަ “ފޭސް އަލިގަދަ ތަރި ޤުރްއާން މުބާރާތް” މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 05 ވަނަ ދުވަހުން ފެށިގެން މާރިޗް މަހުގެ 08 ވަނަ ދުވަހާ ހަމައަށް ގދ. ފިޔޯރީގައެވެ.

ފަރެސްމާތޮޑާ ދާއިރާގެ ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ އުމުރުން 06 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގެ މުޅި މުބާރާތުން ވަނަވަނަ އަށް ހޮވޭ ދަރިވަރުންނަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މުބާރާތުން 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 10،000 (ދިހަ ހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް ފޭސް ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 14 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހުގެ 15:00 އެވެ. މުބާރާތުގެ ޤަވާއިދާއި، މުޤައްރަރާއި، ބައިވެރިވާން އެދޭ ފޯމް އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ބަންދު ނޫން ދުވަސް ދުވަހުގެ މެންދުރު 13:30 ން ހަވީރު 15:30 ށް ޖަމިއްޔާގެ ތަމްރީސުލް ޤުރްއާން ކްލާހުން ލިބެން ހުންނާނެކަން އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

މި ޖަމިއްޔާގެ ފަރާތުން 2017 އަދި 2018 ވަނަ އަހަރު ހިންގާފައިވާ ޤުރްއާން މުބާރާތްތަކުގެ އެންމެ މޮޅު ދަރިވަރަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއްވެސް ޖަމިއްޔާއިން ވަނީ ދީފައެވެ. ފޭސް ޖަމިއްޔާއަކީ ފިޔޯރީގައި ޒުވާނުންނާއި ކުޑަކުދިން ބައިވެރިކޮށްގެން މަދަނީ އަދި އިޖުތިމާއީ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ.

މިގޮތުން ބީ.އެޗް.އެމް.ގެ އެހީގައި ފިޔޯރީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ޤުރުއާން ކްލާހެއް ހިންގުމާއި، ލެވެލް 1, 2، 3 އަދި 4 ގެ ޤާރީ ކޯސް ހިންގުމުގެ އިތުރުން އެ ރަށުގެ ބަނދަރު ސަރަހައްދުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ މަސައްކަތްވެސް ކުރަމުން އަންނަނީ ފޭސް ޖަމިއްޔާއިންނެވެ. މީގެއިތުރުން 2017 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާގެ ދަށުން ފޭސް އެކެޑަމީގެ ނަމުގައި އެކެޑަމީއެއް އުފައްދައި ހިންގަމުން އަންނަ މި ޖަމިއްޔާއަކީ މިހާރު ފިޔޯރީގައި އޮތް އެންމެ ހިންގުންތެރި އެއް ޖަމިއްޔާއެވެ.