ގއ. ދާންދޫ ސްކޫލުގެ ދަރިވަރަކާއި އެ އަތޮޅު ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން ދެ ސްކޫލުވެސް މިއަދު ބަންދުކޮށްފި އެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ވިދާޅުވީ އެ ސްކޫލުން ޕޮޒިޓިވްވި ދަރިވަރު ސްކޫލަށް ދިޔައީ ހަމައެކަނި އާދީއްތަ ދުވަހު ކަމަށާއި އަދި ގްރޭޑު 12ގެ އެ ކްލާހުގައި 14 ކުދިން ހިމެނުނަސް، ކްލާސްތައް ގެންގޮސްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއިން އަންގާފައިވާ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ.
600އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަ މި ސްކޫލުގައި މިއަދު ހެނދުނު ކިޔެވުން ކުރިއަށް ގެންދިޔަ ނަމަވެސް ކޭސް ޕޮޒިޓިވް ވި ކަން އެނގުމާއެކު ވަނީ ހުރިހާ ދަރިވަރުން ގެއަށް ފޮނުވާލާފައެވެ.
ދާންދޫ ސްކޫލުން ޕޮޒިޓިވްވެފައިވަނީ އެސްކޫލުގެ ގްރޭޑު ތިނެއްގެ ދަރިވަރެކެވެ. އެ ކުއްޖާ ކިޔަވާ ކުލާހުގައި 22 ދަރިވަރުން ތިބެއެވެ. ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ސްކޫލު ހުޅުވުނު ފަހުން އެ ކުއްޖާ ސްކޫލަށް ގޮސްފައިވާ ކަަމަށާއި ކުއްޖާ ޕޮޒިޓިވްވިކަން އެނގުމުން މިހާރު ސްކޫލު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެވެ.ފަހީމާ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި ކުއްޖާގެ ކްލާހުގައި 22 ކުދިން ތިބެ އެވެ. އަދި މުޅި ސްކޫލުގައި 256 ދަރިވަރުން ތައުލީމު ހާސިލް ކުރެ އެވެ.
މި ދެރަށުގެ ސްކޫލް ބަންދުކޮށްފައިވާ އިރު ދާންދޫ އާއި ވިލިނގިލި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.