English Edition
Dhivehi Edition

މިދިޔަ އަންގާރަ ދުވަހު ގއ.ގެމަނަފުށިން ނެގުނު ދިހަ ސާމްޕަލް ގެ ނަތީޖާ ވެސް ކޮވިޑް 19 އަށް ނެގަޓިވް ވެފައިވާކަމަށް ގެމަނަފުށީ ސިއްޙީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ އަހުމަދު ޒަރީރު ވިދާޅުވެއްޖެއެވެ..

މި ދިހަ ސާމްޕަލަކީ ވެސް ގއ.ގެއްވަދޫ ކޮވިޑް ކޭސް އާއި ގުޅިގެން އެރަށުގެ ރައްޔިތަކާއި އެއްވެސް ވަރަކަށް ކޮންޓެކްޓް ވެފައި ވާނަމަ އެފަރާތެއް ފާހަގަކޮށް ނެގެވުނު ސާމްޕަލް ތަކެކެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ޒަރީރު ވިދާޅުވީ މިދިހަ ސާމްޕަލް ނެގަޓިވް ވި ނަމަވެސް މި އަތޮޅު ދެއްވަދޫގައި ކޮވިޑް ކޭސްތައް ކޮންޓްރޯލް ނުވެ އިތުރުވަމުންދާތީ އާއި، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ރަށުގެ ހާލަތު ދެނެގަތުމުގެ ގޮތުން ރެންޑަމްކޮށް ކޮވިޑް ސާމްޕަލްތަކެއް ނެގުމުގެ ތައްޔާރީތައް ވަމުންދާކަމަށެވެ. މިގޮތުން ރެންޑަމްކޮށް ނެގެވޭ ސާމްޕަލްތަކުގެ ލިސްޓް ތައްޔާރު ކުރުމުގައި ބޮޑަށް ހިމަނާފައިވާނީ ރަށުގައި ދިރިއުޅޭ ބިދޭސީންނާއި، މުވައްޒަފުންނާއި މަސްވެރިންގެ އިތުރުން ފިހާރަ ތަކާއި ހޮޓާ ފަދަ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒަރީރު ވިދާޅުވީ، މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވިގެންދާނީ ރަށުގެ އެންމެހައި ރައްޔިތުންގެ އެއްބާރުލުމާއި އެކުގައި ކަމަށެވެ. މިހެންކަމުން ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން މިކަމަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމުގައިވެސް ޒަރީރު ވިދާޅުވިއެވެ.

މިއަހަރު ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ދެއްވަދޫއިން ކޮވިޑް އަށް ބަޔަކު ފައްސިވެ، މިހާރު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވުމާއިއެކު އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. މީގެ ސަބަބުން ރަށުގެ ފެން ހުސްވެ ފިހާރަތަކުގެ ސާމާނުތައް ހުސްވެފައިވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ދެއްވަދޫ ރައްޔިތުންނަށް އެހީތެރި ވުމުގެ ގޮތުން އެކި ރަށްރަށުން ދަނީ އެކި ކަހަލަ ސާމާނުތައް ހަދިޔާ ކުރަމުންނެވެ.