English Edition
Dhivehi Edition

ގއ.ދެއްވަދޫއިން ކޮވިޑަށްބަޔަކު ފައްސިވުމާއި ގުޅިގެން އެރަށުގައި ފެނާއި ކާބޯތަކެތި ހުސްވެ، ރަށުގެ ރައްޔިތުން ހާލުގައިޖެހިފައިވާ މިދަނޑިވަޅުގައި އެހީތެރިވުމުގެ ގޮތުން އެރަށު ކޮންމެ ގެއަކަށް ވާވަރަށް ރޯމަސް ހަދިޔާ ކޮއްފިއެވެ

އުފާ ދޯނީގެ ކެޔޮޅު އިސްމާޢިލް ޔާމީން ބުނީ މި ވިސްނުމަކީ ދެއްވަދޫ ކަރަންޓީންގެ ހާލަތަށް އައި ދުވަހުން ފެށިގެން ވިސްނަމުން އަންނަ ވިސްނުމެއް ކަމަށާއި، މަސްނުދެވި ލަސްވެގެން ދިޔައީ މަސް ނުބޭނި ގިނަދުވަސްތަކެއް ވެގެން ދިއުމުން ކަމަށެވެ. އެރަށުގައި 148 ގެއެއްގައި މީހުންދިރިއުޅެމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެއިން ކޮންމެ ގެއަކަށް ރޯމަސް ފޯރުކޮށްދީފައިވާނެކަމަށްވެސް ޔާމީން ބުންޏެވެ.

މިކަމުގައި ދޯނީގައި މަސައްކަތްކުރާ ހުރިހާ ފަރާތެއްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔަކަމަށާއި، ކުރިއަށް އޮތްތާގައި ވެސް މިފަދަ އިތުރު އެހީތައް ދިނުމަށް ވިސްނަމުންދާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ގެމަނަފުށީ ރައްޔިތުން ދިނުމަށް ހަމަޖެހިފައިވާ ފެނުގެ އެހީތެރިކަމުގައި އެ މަސްދޯނީގެ ހުރިހާ ފަޅުވެރިންވެސް ބައިވެރި ވާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އުފާ ދޯނިން ދެއްވަދޫގެ ރައްޔިތުންނަށް މަސް ފޯރުކޮށް ދިން އިރު ވިލިގިނލި ރައްޔިތުން ވަނީ އެދޯނިން ދެއްވަދޫ އަށް 150 ކޭސް ފެނާއި އަދި އިތުރު އެހެނިހެން ސާމާނު ހަދިޔާ ކޮށްފައެވެ.

މިއަހަރު ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ދެއްވަދޫއިން ކޮވިޑަށް ބަޔަކު ފައްސިވެ، މިހާރު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވުމާއިއެކު އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެރަށުގެ މަސްދޯނިފަހަރުތަށް މަހަށްނުގޮސް ރަށުގައި މަޑުކުރަން މަޖުބޫރުވިއެވެ. އޭގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ވަނީ ބޯފެނާއި މަސް ލިބުމުގެ ދަތިތަކާއި ކުރިމަތިލާނެ ޖެހިފައެވެ.