ގއ. ދެއްވަދޫއިން ކޮވިޑް އަށް ބަޔަކު ފައްސިވުމާއި ގުޅިގެން ފުރަބަންދެއްގައި އޮތުމުން އެރަށުން ބޯފެނާއި މަސް ހުސްވެއްޖެއެވެ.
ޖެނުއަރީމަހުގެ 7 ވަނަ ދުވަހު ދެއްވަދޫއިން ކޮވިޑް އަށް 8 މީހަކު ފައްސިވުމާއި ގުޅިގެން އެރަށަށް އަރާފޭބުން މަނާކޮށްފައި ވާ ދަނޑިވަޅެއްގައި ބޯފެން އަދި މަސްލިބުމުގެ ދަތިކަން އެރަށަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް “އޭއޯ ނިއުސް ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މަސްލިބުމަށް ދަތި ވެގެންދިޔައީ މަސްވެރިންނަށް މަހަށް ނުދެވި ރަށުގައި ތިބެންޖެހުމުން ކަމަށެވެ. އަދި އެހެން ރަށަކުންވެސް ބަޔަކަށް އަރަން ހުއްދަނެތުމުން ފިހާރަތަކުންވެސް މަސް ދަޅާ އަދި ޒަރޫރީ ސާމާނު ހުސްވެ ދަތި އުނދަގޫ ދުވަސް ތަކެއް ތަހައްމަލް ކުރަމުން އަންނަ ކަމަށެވެ.
ރަށުން މަސް ހުސްވުމާއި ގުޅިގެން ކޫއްޑޫ އާއި ވާހަކަދައްކައިގެން މަސްލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިއްޖެ ކަމަށާއި އަތޮޅު ކައުންސިލްގެ އެހީތެރިކަމާއި އެކީ ފެންވެސް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފައިވާކަމަށްވެސް ތައުފީގު ފާހަގަވިދާޅުވިއެވެ.
އަދި މިއަދުގެ ވަގުތެއްގައި ދެއްވަދޫއަށް މި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ދެއްވަދޫ ކައުންސިލާއި އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް އެބަދެއެވެ.
ދެއްވަދޫއިން މިއަދުވެސް ކޮވިޑްއަށް 8 މީހުން ފައްސިވެފައިވެއެވެ. މިއަދު ފައްސިވެފައިވަނީ ކުރީގެ ކޭސްތަކާއި ގުޅުންހުރި ފަރާތްތަކާއި ރެންޑަމް ކޮށްނެގި ސާމަޕަލްތަކުގެ ތެރެއިން ބައެކެވެ. ދެއްވަދޫގަ މިހާރު ކޮމިއުނިޓ ސްޕްރެޑަކަށް ގޮސްފައިވާއިރު ކައުންސިލުން އެދެނީ ރައްޔިތުން ކެއްތެރިކަމާއި އެކީ އެޗްޕީއޭގެ ގައިޑްލައިނަށް ބޯލަނބާ މިކަމުން އަރައިގަތުމަށް އެންމެން އެކީ މަސައްކަތްކުރުމެވެ.