English Edition
Dhivehi Edition
ޝެއިޚް ޙުސެއިން ރަޝީދު

ޖަމްޢިއްޔަތުލް ޢުލަމާގެ ރައީސް ޝައިޚު ޙުސައިން ރަޝީދު އަޙްމަދުގެ ކަރާމާތަށް އަރައި އަބުރަށް ހުތުރު ވާގޮތަށް މއ. ބާބުލްއަވާލީ އިބްރާހިމް މުޙައްމަދު ދެއްކެވި ވާހަކަ އެޖަމްޢިއްޔާ އިން ކުށްވެރިކޮށްފިއެވެ.

ޣައިރު މުސްލިމުން ކްރިސްމަސް ދުވަސް ފާހަގަ ކުރަމުންދާއިރު މުސްލިމުންނަށް އެބައިމީހުންގެ ރައްޓެހިންނާއި ރަޙްމަތްތެރިންނަށް އެކުވެރިކަމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ތަހްނިޔާ ފޮނުވުމަކީ އެކަމަށް އިންސާނިއްޔަތު ގޮވާލާ ކަމެއް ކަމަށް ޝެއިޚް ޙުސެންރަޝީދު ވިދާޅުވި ވިދާޅުވުމާއި ގުޅުވައިގެން އިބްރާހީމް މުޙައްމަދު ހޯމް މިނިސްޓްރީއަށް އެޑްރެސް ކުރައްވައި 3 ޖަނަވަރީ 2021 ގައި ފޮނުއްވާފައިވާ ސިޓީއަކީ ޙަޤީޤަތް އޮޅުވާލެއްވުމާއެކު ޒާތީގޮތުން ޝައިޚު ޙުސައިން ރަޝީދާ ޖައްސާލައްވާފައިވާ ކަން ހަމަވާ ސިޓީއެއް ކަމަށް އެޖަމްޢިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެބަޔާނުގައިވާ ގޮތުން ޝައިޚު ޙުސައިން ރަޝީދުވެސް އަދި އެހެން ބޭފުޅަކުވެސް މުސްލިމުން ކްރިސްމަސް ފާހަގަކުރުމަކީ ހުއްދަކަމެކޭ ވިދާޅު ނުވާ ކަމަށާއި އެބޭފުޅުން ވިދާޅުވެފައި ވަނީ މުސްލިމުންގެ އުފަލާއި ހިތާމައިގައި އެބައިމީހުންގެ ޣައިރު މުސްލިމު އެކުވެރިން ބައިވެރިވުމުގެ ގޮތުން ތަހްނިޔާއާއި ތަޢުޒިޔާ ފޮނުވާ ފަދައިން މުސްލިމުންނާ ދެކޮޅުވެރިނުވާ އެބައިމީހުންނަށް ގޯނާ ނުކުރާ ޣައިރު މުސްލިމުންގެ އުފާތަކާއި ހިތާމާގައިވެސް ބައިވެރިވުމުގެ ގޮތުން ތަހްނިޔާ ފޮނުވުމާއި ތަޢުޒިޔާ ފޮނުވުމަކީ އިންސާނިއްޔަތުގެ އުޞޫލުންވެސް ގޮވާލާ ކަމެއްކަމަށާއި އަދި އެކަމަކީ އިސްލާމް ދީންވެސް މަނާކުރާ ކަމެއް ކަމުގައި ނުދެކޭ، ހުއްދަވެގެންވާ ކަމެއް ކަމުގައެވެ.

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކޮށް އިސްލާމް ދީނަށް މީހުން އަހުލުވެރިކުރުމަށް ގިނަ ކަންތައްތަކެއް ހިންގަވާ ޖަމްޢިއްޔަތުލް ޢުލަމާ ގެ ބަޔާނުގައި ބައިބައިވުން އުފެދެނީ ކޮން ބަޔަކު ކޮން ކަމެއް ކޮށްގެންތޯ އާއި ވަކި ބަޔަކު ކުރާކަންތައް އެއްބައިވަންތަ ޤާނޫނަށް ނުފެތި، ތިމާމެންގެ ބަހާ ޚިލާފުވާ ކޮންމެ ބަހަކީ ބައިބައި ކުރަނިވި ކަމަކަށް ވުމަކީ ކޮން އުޞޫލަކުން އަންގައިދޭ ކަމެއްކަމަށް ހާމަކޮށް ސުވާލު އުފައްދާފައިވެއެވެ.

ޝެއިޚް ޙުސެއިން ރަޝީދު ވިދާޅުވި އެއްޗެއް ވިދާޅުވެފައި ވަނީ ޤުރުއާނާއި ޙަދީޘުގެ އަލީގައި އޭނާ ބަރޯސާ ކުރައްވާ ދަންނަބޭކަލުންގެ ރައުޔަށް ބުރަވެ ހުންނަވައިގެންކަމަށާއި ރާއްޖޭގައިވެސް މިބަސްފުޅަށް ތާއީދު ކުރައްވާ ކިތަންމެ ޢިލްމުވެރިންނެއް އެބަތިބި ކަމަށާއި އަދި މިނޫނަސް އިސްލާމީ ދުނިޔޭގެ ފުންނާބުއުސް އެތަކެއް މުފްތީންނާއި ޢިލްމުވެރިންވެސް މިފަދައިން ފަތުވާ ދެއްވާފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ރާއްޖޭގެ ދީނީ ޢިލްމު ވެރިންނަށް ޢިޝާރާތްކުރައްވާ ދީނީ ޢިލްމުވެރިން ވާންޖެހޭނީ މައު ބަގީޗާއެއް ބަލަހައްޓާ ބާޣުބާނެއް ފަދަ ބަޔަކަށް ކަމަށް އޭގައިވެއެވެ. އޭނާގެފަރާތުން ބަގީޗާއަށް ޒިޔާރަތް ކުރާމީހުންގެ ލޮލަށް ފިނިކަން ލިބޭނެކަމަށާއި ހަދިޔާއަކަށް ލިބޭނީ މީރުވަސްދޭ މާމެލާމެލީގެ އިތުރަށް ކަންފަތަށް ވާޞިލުވާނީ ބުލްބުލްތަކާއި ގުރާތައް އުދުހެމުން އިއްވަމުންދާ ނަލަނަލަ ރީތި އަޑުތަކެއް ކަމަށް މިސާލު ޖައްސަވަމުން ދީނީ ޢިލްމުވެރިން، ޢިލްމުވެރިންގެ ގޮތުގައި ތިބޭއިރު އެއުރެންގެ ފަރާތުން ޤައުމަށާއި ރައްޔިތުންނަށް ލިބެންޖެހޭނީ ޞުލްޙައާއި ހިތްހަމަޖެހުންކަމަށާއި ފިތުނައާއި ފަސާދައިން އެއްކިބާކުރުވަނިވި ތުހުފާއެއް ކަމަށް ބަޔާން ކޮށްފައިވެއެވެ.

ޝެއިޚް އިބްރާހިމް ރުޝްދީ ސޮއި ކުރައްވާ ނެރެފައިވާ އެ ބަޔާނުގައި އެކުވެރިކަން ދެމެހެއްޓުމާއި ސުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް އިސްލާމް ދީން ބާރު އަޅުއްވާ މިންވަރު ގެ މައްޗަށް އަލިއަޅުއްވާފައިވެއެވެ.

ޝެއިޚް ހުސެއިން ރަޝީދަކީ އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސްއެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. ޙުސެން ރަޝީދު މިހާރު ފުރުއްވަމުން ގެންދަވަނީ ސައުދި ޢަރަބިއްޔާ ގެ ޖިއްދާގައި ހުންނަ ދިވެހި އެމްބަސީގައި ޚާރިޖީ ވުޒާރާގެ ކައުންސިލް ޖެނެރަލް ކަމުގެ މަގާމެވެ.